ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވެ މި ސަރުކާރު ހިންގުމާއި ހަވާލުވި އިރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމަށް ފަހު 1450 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް މުޅިން ނުނިންމާ ހުއްޓާލައިފައި ހުރިކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.
ވިލިފުށީ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިިނިސްޓަރު އާތިފާ ވިދާޅުވީ ހައުސިން ޔުނިޓްގެ މަސައްކަތް ފެށި ބައެއް ތަންތަނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާފައި ވީ ނަމަވެސް ދިރުއުޅުމުގެ އަސާސީ ހިދުމަތްތައް ހުރީ އެތަންތަނަށް 'ނުގުޅާ' ކަމަށެވެ. އަދި ބައެއް ތަންތަނަކީ އެއްވެސް ފަރާތަކުން ބެލެހެއްޓުމެއް ނެތި ދޫކޮށްލާފައިވާ ތަންތަން ކަމުގައި ވާތީ ގިނަ ތަންތަން ހުރީ ވަރަށް ބޮޑަށް ވީރާނާ ވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާލުވީ ހުއްޓިފައި ހުރި ހައުސިން ޔުނިޓްތަކުގައި މީހުންނަށް ދިރިއުޅެން ފަށައިގަނެވޭނެ ހާލަތަށް ގެނައުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން 127 މިލިއަން ރުފިޔާގެ ބަޖެޓެއް މިނިސްޓްރީގެ ބަޖެޓަށް އިތުރުކޮށް ދީފައިވާ ކަމަށެވެ. އަދި ބާކީ ހުރި ތަންތަން ނިންމުމަށްޓަކައި ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ބަޖެޓަށް މި މަސައްކަތްތައް ނިންމުމަށް ހިނގާނެ ހަރަދުތައް ހިމަނާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިމާރާތް ކުރަން ފެށި ނުނިމި ހުރި މަސައްކަތް ތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރުގެ އިތުރުން ތ. ވިލިފުށީގައި ފަށާފައިވާ ހައުސިން މަޝްރޫ ހިމެނޭ ކަމަށެވެ.
އެގޮތުން ތ. ވިލިފުށީގައި ފެށި 100 ހައުސިން ޔުނިޓްގެ ތެރެއިން 64 ގެއެއްގެ ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިމިފަައިވާ އިރު، މި 64 ގޭގެ ތެރެއިން 32 ގެއެއްގެ ފުރާޅުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 36 ގެއެއްގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިވިފައި ނުވާ އިރު، މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ނިންމުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓްގައި ހިމަނާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އާތިފާ ވިދާޅުވީ މި މަސައްކަތް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.