ނޮޓް ނެގޯޝިއަބަލް ޗެކްތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއޯއެފަށް ޖަމާކުރިކަން އެ ބޭންކަށް އެނގުނީ، ސޯޝަލް މިޑިއާގައި އެ ޗެކްތަކުގެ މައުލޫމާތު ލީކުކޮށްލުމުން ކަމަށް ބެންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބޭންކުން މިހެން ބުނެފައި ވަނީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް އެދި މަޖިލީހުން ފުލުހަށް ހުށަހަޅާފައި ވަނިކޮށް، އެކަމާއި ގުޅޭގޮތުން މަޖިލީހަށް ފޮނުވި ސިޓީގައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ފަރާތުން ބީއެމްއެލްގެ އޮފިޝަލެއްގެ މައްޗަށް ތަހުގީގު ކޮށްދިނުމަށް އެދިވަޑައިގެންނެވި ފަހުން އެ އޮފިޝަލް މަޖިލީހަށް ސިޓީއެއް ފޮނުއްވާ ފައިވާ ކަމަށެވެ. އަދި އެ ސިޓީގައި އޮފިޝަލް ލިޔުއްވާފައި ވަނީ ކޮމިޓީގައި ވާހަކަ ދައްކަވާފައި ވަނީ އެބޭފުޅާ (ޝަރީފު) ކޮމިޓީއަށް ވަޑައިގެންނެވި އިރުގައި ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އަދި ކޮމިޓީގެ ބައްދަލުވުމަށް ފަހުގައި ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޗެކްތައް އެބޭފުޅާއަށާއި، އެ ބޭފުޅާގެ ބޭންކަން ފެނިފައިިވާ ކަމަށް ސިޓީގައި ވިދާޅުވެފައި ވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އެ ޗެކްތަކާއި ގުޅޭގޮތުން އެބޭފުޅުން މުތާލިއާ ކޮށްފައި އެކަމާގުޅޭ ސައްހަ މައުލޫމާތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެބޭފުޅުން ފޮނުއްވާނެ ކަމަށް ސިޓީގައި ވިދާޅުވެފައި ވާ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ މި މަޖިލީހުގައި މީހުން ތެދުބަހުން ވާހަކަދެއްކުމަށް ބާރުއެޅުން. މީހަކަށް އުގޫބާތެއް ދިނުމެއް ނޫން. އަދި މީހެއްގެ މައްޗަށް ތަހުގީގެއް ހިންގުމެއްވެސް ނޫން. އަޅުގަނޑު ދެކެބީ ބީއެމްއެލްގެ އޮފިޝަލް މާލިއްޔަތު ކޮމިޓީގެ މަސައްކަތަށް، މާލިއްޔަތުކޮމިޓީ އެދޭގޮތަށް އެއްބާރުލެއްވުން ދެއްވާނެކަމަށް. އަދި ތެދުބަހުން ވާހަކަދައްކަވާނެކަން އެބޭފުޅާގެ ސިޓީން ވަރަށްބޮޑަށް ސާފުވޭ،"
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ މަޖިލީހަށް ތެދު މައުލޫމާތު ދެއްވާނެކަން ބީއެމްއެލްގެ ޝަރީފު ވިދާޅުވެފައި ވުމުން އެމަނިކުފާނު ގަސްދުކުރައްވަނީ މާލިއްޔަތު ކޮމިޓީގެ މުގައްރިރާ ވާހަކަ ދެއްކެވުމަށް ފަހުގައި މަޖިލީހުގެ ފަރާތުން ޕޮލިހުގައި އެދިފައި އޮތް އެދުމާ ގުޅޭގޮތުން އަލުން އަނބުރާ ވިސްނެވުމަށް ކަމަށެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު މަޖިލިސް ރައީސް، ރައީސް ނަޝީދަށް ދަންނަވާފައިވާ ކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަށް ތުހުމަތު ކުރެވޭ މި މައްސަލަ ތަހުގީގުކޮށް ދެއްވާ މި މައްސަލައިގައި ދައުވާކޮށް ދެއްވުމަށް ކަމާ ގުޅޭ މުއައްސަސާ ތަކަށް, ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކޮންމެ މީހަކަށް މެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާ، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާ ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގި ހުރި އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބު ދޭން ވާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

މަޖިލީހުގައި ދޮގު ހެދުމަކީ ޖިނާއީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ނުވަތަ ޝައްކު ކުރެވިއްޖެ ނަމަ އެކަން ތަހުގީގުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މަޖިލީހުން ހުށަހެޅި ދާނެއެވެ.