އަންނަ މަހުގެ ތެރޭގައި، ގެދޮރު ބިނާކުރުމަށް ކުޑަ އިންޓްރެސްޓެއްގައި ލުއި ލޯނު ދިނުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިިސްޓަރު ވިދާޅުވީ ސަރުކާރުގެ އެއް ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި 5 ޕަސެންޓާއި 6 ޕަސެންޓްގެ އިންޓްރެސްޓްގައި ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއާ ބެހޭގޮތުން ސިޔާސަތެއް ކަނޑައެޅިފައި އޮންނާނެ ކަމަށެވެ.

އަދި އެ މަސައްކަތުގައި ހައުސިން މިނިސްޓްރީން ވޭތުވެދިޔަ 6 ވަރަކަށް މަސްތެރޭގައި އެމްއެމްއޭއާއި އަދި ދައުލަތުގެ މާލީ އިދާރާތަކާ އެކީގައި މަސައްކަތް ކޮށް ސިޔާސަތެއް ޑްރާފްޓްކޮށް އޭގެ އެންމެ ފަހުގެ މަރުހަލާގައި ކުރިއަށް ދާކަމަށް މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އުއްމީދު ކުރަނީ މިއަންނަ އޮގަސްޓްމަހުގެ ނިޔަލަށް ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި ފަސް ޕަސެންޓާއި ހަ ޕަސެންޓް އިންޓްރެސްޓްގައި ރާއްޖޭގެ އެތައް މިތަނުގައި ގެދޮރު އިމާރާތްކުރުމުގައި ލުއި ލޯނު ދިނުމުގެ މަސައްކަތް ފެށިގެންދާނެ،"
މިނިސްޓަރު އާމިނަތު އާތިފާ

މިނިސްޓަރު ވިދާޅުވީ ލުއިލޯން ދޫކުރުމާ ބެހޭ ސިޔާސަތުތަައް ކަމާބެހޭ އިދާރާތަކާ އެކީގައި އަންނަ މަހުގެ ފަހުކޮޅުގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

ބޯހޔާވަހިކަން އަތްފޯރާ ފަށުގައި ފޯރުކޮށް ދިނުމަކީ މި ސަރުކާރުގެ އެއް ވައުދެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ކުޑަ އަގެއްގައި ސޯޝަލް ހައުސިން ސްކީމްގެ ދަށުން ފުލެޓް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓެއް 6000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓެއް 7000 ރުފިޔާއަށް ލިބޭނެގޮތް ހައްދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.