ނިމިގެންދިޔަ 18 ވަނަ މަޖިލީހުގައި ގޮނޑި ގެއްލިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

12 މެންބަރުން ގަދަކަމުން އެ އިދާރާ އިން ނެރެ ދައުވާ ކުރި މައްސަލާގައި ޕީޖީ ކޮމިޓީއަށް ހާޒިރު ކުރަނީ މިއަދު ހަވީރު 4:00 ޖަހާއިރުއެވެ. ކުރިން ޕީޖީ ކޮމިޓީއަށް ހާޒިރުކުރަން ނިންމީ މާދަމާއަށެވެ. ނަމަވެސް ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާކަން ކޮމިޓީއަށް އަންގަވާފައި ވާތީ މިއަދަށް ކޮމިޓީގެ ބައްދަލުވުން ވަނީ އަވަސް ކޮށްފައެވެ.

12 މެންބަރުން މަޖިލީހަށް ވަނުމަށް އެއިރު ހުރަސް އެޅީ އެ މެންބަރަކު އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ނުވަތަ އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭގޮތަށް ސްޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ނަމަވެސް 12 މެންބަރުން ޕާޓީން ވަކިވެފައި ވަނީ ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުގެ ކުރިން ނަމަވެސް، ގާނޫނު ފާސްކުރި އިރު، ވަކި ތާރީހެއް އެ ގާނޫނުގައި ވަނީ ޖަހާފައެވެ. މިދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު މަޖިލީހުގައި އޮވެ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުން އެންޓި ޑިފެކްޝަން ގާނޫނެއް ހަދާ އެ ގާނޫނު ފާސްވުމުން އީސީން ވެސް ނިންމީ އެ 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށެވެ.

އަދި އެއިރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއި ކުރައްވާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވި އިރު ޕީޕީއެމްގެ ކުރީގެ 12 މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. މަޖިލީހަށް އެދުވަހު މެމްބަރުން ވެންނެވީ މަސީހުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދު ކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ދައުވާ އެ 12 މެމްބަރުންގެ މައްޗަށް ދައުލަތުން އުފުލިއެވެ.

ނަމަވެސް، މި މައްސަލައިގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ބަދަލުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހުގައެވެ.