އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން ހޯދި ރަންމެޑަލު ހޯދުމަކީ މުޅި ގައުމު ފަހުރުވެރި ވާނެ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ރަން މެޑަލް ހޯދީ، އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށެެވެ. މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖެ އަށް ޓީމު އިވެންޓަކުން ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީޓީ އަންހެން ޓީމުން ހޯދި ކާމިޔާބީއަށް އުފާފުޅުކުރައްވާ ކަމަށެވެ. އަދި 'ތިއީ މުޅި ގައުމުގެ ފަހުރު' ކަމަށް ރައީސް ވިދާޅުވިއެވެ.

ޓީޓީ އަންހެން ޓީމް ގޯލްޑް މެޑަލް ހޯދި އިރު، ރައީސްގެ ދެކަނބަލުން އިންނެވީ މެޗް ބައްލަވާށެވެ. ޓީމުން މެޗް ކާމިޔާބު ކުރުމާއެކު ރައީސް ވަނީ އިންނެވި ގޮނޑިން ތެދުވެވަޑައިގެން ޓީމް ކައިރިއަށް ވަޑައިގެންފައެވެ. ރައީސް ވަނީ ކުޅުންތެރިންނާ ސަލާމް ކުރައްވާ ހިތްވަރު އާކޮށްދެއްވާފައެވެ.