ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް އެދި މަޖިލީހުން ފުލުހަށް ހުށަހަޅަން ނިންމައިފިއެވެ.

މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައިވާ ކަމަށެވެ.

"ޝަރީފް ކޮމިޓީއަށް ވަޑައިގެން ކޮމިޓީގައި ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަންގާފައިވާތީ ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯއަށް ތުހުމަތު ކުރެވޭ މި މައްސަލަ ތަހުގީގުކޮށް ދެއްވާ މި މައްސަލައިގައި ދައުވާކޮށް ދެއްވުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް, މިއަދުގެ ވަގުތެއްގައި އެ ސިޓީ ފޮނުވުމަށް ނިންމާފައިވަނީ،"

ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާއި ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގި ހުރި އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބު ދޭންވާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ޝަރީފް ދޮގު މައުލޫމާތު ދިންކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހަށް ހުށަޅަން މަޖިލީހުން ނިންމި އިރު، މިދިޔަ ހަފްތާގެ ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބައެއް މުއައްސަސާތަކުން ވަޑައިގަންނަވާ ބޭފުޅުން މަޖިލީހުގައި ސާފު ބަހުން ވާހަކަ ނުދައްކާ ކަމުގެ ޝަކުވާ، ބައެއް ކޮމިޓީތަކުގެ މުގައްރިރުން އެ މަނިކުފާނު އަރިހުގައި ދެންނެވިކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގައި ދޮގު ހެދުމަކީ ޖިނާއީ ކުށެއް ކަމަށާއި މީގެ ފަހުން އެފަދަ ކަމެއް ކުރައްވާކަން ޝައްކު ކުރެވިއްޖެ ނަމަ އެކަން ތަހުގީގުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.