ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޮރިޝަސްގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާލެން މަޝްވަރާކުރައްވައިފިއެވެ.

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ވަގުތީ ރައީސްއާ ބައްދަލުކުރައްވާ، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ދެގައުމަށް ވެސް ވަރަށް އެއްގޮތް ގޮންޖެހުންތަކަކަށް ވާތީ އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

މިބައްދަލުކުރުމުގައި ރައީސް ސޯލިހް ވަނީ އިއްޔެ އެމަނިކުފާނުގެ ދެ ކަނބަލުންނާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަގުތީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަން ހާމަކުރައްވައި މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ވެސް ބައްލަވައިލެއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ރައީސް ސޯލިހް ފާޅުކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި މޮރިޝަސްގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާލެން / ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގައި، އެގައުމުގެ ޕޯޓް ލުއީގައި އިއްޔެ ފެށި އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވާއިރު، މި މުބާރާތުގައި ކުރިއަށްދާ އެކި ކުޅިވަރުތައް ރައީސް ސޯލިހްގެ ދެކަނބަލުން ބައްލަވައިލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ 14 ކުޅިވަރެއްގައި ރާއްޖެއިން މިފަހަރު ބައިވެރިވާއިރު، ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، ކުޅިވަރު މުބާރާތުންނެވެ. ރާއްޖެއަކީ މި މުބާރާތުގެ ފައުންޑާ މެންބަރު ގައުމެއްވެސް މެއެވެ. މީގެއިތުރުން ރާއްޖެއިން އަންނަނީ އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.