އިނގިރޭސިވިލާތުގެ ދިދަޖަހައިގެން ދަތުރުކުރަމުން ދަނިކޮށް ހޮރުމޫޒު ކަނޑުއޮޅި ސަރަހައްދުން އީރާނުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ތެޔޮ އުފުލާ ކަނޑުމަތީ ޓޭންކަރު ދޫނުކޮށްލައިފި ނަމަ އެކަމުގެ ނަތީޖާ ވަރަށް "ސީރިއަސް" ވެދާނެ ކަމުގެ އިންޒާރު، އިނގިރޭސި ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް ދެއްވައިފިއެވެ.

"ސްޓެނާ އިމްޕޭރޯ" ނަމަކަށް ކިއާ ޓޭންކަރުގެ ވެރި ފަރާތުން ބުނީ، 23 މީހުންނާއެކު އީރާނާ ދިމާލަށް އުތުރަށް ދުއްވަމުންދިޔަ މި ބޯޓާ މިހާރު އެއްވެސް ވަރަކަށް ނުގުޅޭ ކަމަށެވެ.

އީރާނުން ބުނީ އެގައުމުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ގޮފި ކަމުގައިވާ އީރާނިއަން ރިވަލޫޝަނަރީ ގާޑުންގެ ޓީމެއް މި ބޯޓަށް އަރާ، އީރާނުގެ ކޮންޓްރޯލްގެ ދަށަށް މި ބޯޓު ގެންނަން ޖެހުނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ގާނޫނާ "ސްޓެނާ އިމްޕޭރޯ" ޓޭންކަރު ހިލާފުވެފައިވާކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

އީރާނިއަން ރިވަލޫޝަނަރީ ގާޑްސްގެ ކޮންޓްރޯލްގެ ދަށަށް "ސްޓެނާ އިމްޕޭރޯ"

ގެނައުމަށްފަހު، އެއްގަމަށް ބޯޓު ބަނދަރުކޮށް، ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ގޮފިންވަނީ ބުނެފައެވެ.

ލައިބީރިއާގެ ދިދަޖަހައިގެން ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އިނގިރޭސިވިލާތުގެ ދެވަނަ ޓޭންކަރެއް ވެސް އީރާނުން ހިފެހެއްޓިކަން އިނގިރޭސިވިލާތުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ޓޭންކަރު މިހާރު މިނިވަންކޮށްފައިވާ ކަމަށާއި، އެ ޓޭންކަރު މިހާރު ދަނީ އޭގެ ދަތުރު ފުރިހަމަ ކުރަމުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މިފަހަކަށް އައިސް އިނގިރޭސިވިލާތުގެ ކަނޑުބޯޓު ފަހަރަށް އީރާނުން ހުރަސްއަޅާ މިންވަރު ވަނީ އިތުރުވެފައެވެ. މުރާސިލުން ސިފަކުރާ ގޮތުގައި، މިއީ އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އިނގިރޭސިވިލާތް ވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދާ ދިނުމަށް އިނގިރޭސިވިލާތުން "ފެއިލްވެފައި" ވާކަމަށް އީރާނުން ގަބޫލުކުރާތީ ކުރިމަތިކުރަމުންދާ ފުރައްސާރައެކެވެ.