ކ. ގުޅީފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ނަގިލި ނަގަން ފޭބި ބިދޭސީ މީހަގެ ހަށިގަނޑު އެ ފަޅުގެ 21 މީޓަރު އަޑިން ހޯދައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ގެއްލުނު ދިމާލު 21 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ. އަދި ފެނިފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން 4:21 ހާއިރު ކަމަށާއި، އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އޭނާ މަރުވެފައިވާކަމެއް އަދި ނޫންކަމެއް އެމްއެންޑީއެފުން ކަށަވަރުކޮށްނުދެއެވެ. އެމްއެންޑީއެފުން ބުނީ އިތުރު ތަފްސީލު ހާމަކުރާނީ ޑޮކްޓަރުގެ ބަހެއް ލިބުމުން ކަމަށެވެ.

"ސާހިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއްގެ ނަގިލި ނަގަން އެ ދޯނީގައި އުޅުނު ބިދޭސީ މީހާ ފޭބީ މިއަދު ހެނދުނު 8:50 ގައި ކަމަށެވެ. މި މީހާ އަކީ އެ ދޯނީގެ ފަޅުވެރިއެކެވެ.

މި ހާދިސާ ހިނގި އިރު ދޯނީގައި ނުވަ މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން އެކަކީ ބިދޭސީއެއް ކަމަށެވެ. އަދި ނަގިލި ނަގަން ފޭބި ފަހުން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެ ބިދޭސީ މީހާކަމަށް އެމްއެންޑީއެފުން ބުނެއެވެ.