އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި މަނީ ލޯންޑާކުރަން މަގުފަހިކުރީ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށް، އެ ބޭންކުން "ނޮޓް ނެގޯޝިއަބަލް" ޗެކް އެސްއޯއެފް އެކައުންޓަށް ޖަމާކުރިކަމުގެ މައުލޫމާތު އިއްޔެ ވަނީ ހާމަވެފައެވެ.

މި މައްސަލައާއި ގުޅޭގޮތުން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮމެެސްޓިކް އަދި ފޮރިން އިންވެސްޓަރުން ފައިސާ ދިނީ އެމްއެމްޕީއާރުސީއަށް ކަމަށެވެ. އަދި އެ ފައިސާ ވަގަށް، އިންޓަނޭޝަނަލް ބޭންކިން ބެސްޓް ޕްރެކްޓިސްއާ ހިލާފަށް އެސްއޯއެފް އެކައުންޓަށް ޖަމާކުރީ ބީއެމްއެލްއިން ކަމަށެވެ.

"މަނީ ލޯންޑާ ކުރުމަށް މަގުފަހިކުރީ ބީއެމްއެލް! ސަރުކާރުން 1.3 ބިލިއަން ރުފިޔާ ހޯދުމަށް ބީއެމްއެލްގެ މައްޗަށް ދައުވާކުރަން ޖެހޭ،"
މުސްތަފާ

އޭނާ ވިދާޅުވީ އެސްއޯއެފް އެކައުންޓަށް ޖަމާކުރި ހުރިހާ އެމްއެމްޕީއާރުސީގެ ފައިސާއެއްގެ ޒިންމާ އުފުލަން ޖެހޭނީ ބީއެމްއެލްއިން ކަމަށެވެ. އަދި އެކައުންޓް ޕޭއީ އޮންލީ ޖަހާ ކޮރޮސް ކޮށްފައި އޮންނަ ޗެކެއް އެންޑޯޒް ކޮށްގެން އެމްއެމްޕީއާރުސީ ނޫން އެހެން އެކައުންޓަކަށް ފައިސާ ޓްރާންސްފާ ނުކުރެވޭނެ ކަމަށެވެ. އަދި މަދު ބައެއްގެ ވަޒީފާ ސަލާމަތް ކުރުމަށް ސަރުކާރު ދަވާ ނުލެވޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ރަށްތައް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު ނޮޓް ނެގޯޝިއަބަލް ޗެކްތައް އެސްއޯއެފް އެކައުންޓަށް ބީއެމްއެލުން ޖަމާކުރިކަން ހާމަވާކަމަށް ތަހުގީގީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަން ބޭންކުން ދޮގުކުރެއެވެ.

ބޭންކާމެދު ބޮޑެތި ތުހުމަތުތަކެއް ކުރެވެނިކޮށް، އެ ބޭންކުން ވަނީ، ބޭންކު މުވައްޒަފުންގެ އަތުން އެސެޓް ރިކަވަރީ ކޮމިޝަނަށް މައުލޫމާތު ހޯދުމަށް އޮތް މަގު ބަންދު ކުރުމަށް އަމުރަކަށް ވެސް އެދިފައެވެ. މިއާއެކު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބޭންކުގެ ބައިވެރުވުން ވާކަމަށް ގިނަބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.