ޕާކިސްތާނުން ހައްޔަރުކޮށްފައިވާ އިންޑިއާގެ ނޭވީ އޮފިސަރު ކުލްބުޝާން ޔާދަވްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް މުރާޖައާ ކުރުމަށް، އދގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން ޕާކިސްތާނުގެ މައްޗަށް ހުކުމް ކޮށްފިއެވެ.

ޕާކިސްތާނުގެ ފަސްގަނޑުގައި އިންޑިއާއަށް ފާރަލާދޭ ކަމުގެ ކުށުގެ ތުހުމަތުގައި ޕާކިސްތާނުން ހައްޔަރުކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ޕާކިސްތާނުގެ އަސްކަރީ ކޯޓަކުންނެވެ.

ކުލްބުޝާންގެ މައްޗަށް މަރުގެ ހުކުމް އިއްވި މައްސަލަ ބަލަމުންދާ އައި.ސީ.ޖޭއިން ބުދަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ، އިންޑިއާގެ ކޮންސިއުލާ އޮފީހުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކުލްބުޝާންއަށް ޕާކިސްތާނުން ދީފައި ނުވާއިރު، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ޕާކިސްތާނުން ހިންގާފައިވާ އަމަލެއް ކަމަށެވެ. ކުލްބުޝާންއަށް ލިބިފައިވާ ހައްގުތައް އޭނާއަށް ބަޔާންކޮށްދިނުމަށް ޕާކިސްތާނު ފެއިލްވެފައިވާކަމަށާ، ކުލްބުޝާންއާއި ވާހަކަދެއްކުމަށް އިންޑިއާގެ ސަރުކާރަށް ލިބިދީފައި އޮތް ހައްގަށްވެސް ޕާކިސްތާނުން ހުރަސް އަޅާފައިވާކަމަށްވެސް އައި.ސީ.ޖޭއިން ބުނެއެވެ.

ކުލްބުޝާންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް މުރާޖައާ ކުރަން ޖެހޭކަމަށް ޕާކިސްތާނުގެ މައްޗަށް އައި.ސީ.ޖޭއިން ހުކުމް އިއްވި ނަމަވެސް، އެކަން ތަންފީޒުކުރުމަށް ޕާކިސްތާނުގެ މައްޗަށް ލާޒިމުކުރުމުގެ އެއްވެސް ބާރެއް އައި.ސީ.ޖޭއަށް ލިބިގެނެއް ނުވެއެވެ.

މިހާރުން މިހާރަށް ކުލްބުޝާން ދޫކޮށްލުމަކަށް އައި.ސީ.ޖޭއިން އަންގާފައެއް ނުވެއެވެ. ނަމަވެސް، ބުދަ ދުވަހުގެ ހުކުމް އައި ގޮތުން، ނިއުކްލިއާ ބާރުވެރިކަން ލިބިފައިވާ ދެ ހަތުރުންގެ ހީނަރު ގުޅުން އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ.

ކުލްބުޝާން ހައްޔަރުކުރި މައްސަލާގައިވެސް ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ޕާކިސްތާނުން ބުނާ ގޮތުގައި ކުލްބުޝާން ހައްޔަރުކޮށްފައިވަނީ ބަލޫޗިސްތާނުންނެވެ. މި ސަރަހައްދަކީ ޕާކިސްތާނުގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އިންޑިއާގެ އެއްބާރުލުމާއެކު ހަނގުރާމަވެރިން އަތްގަދަ ކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް، އިންޑިއާއިން ބުނާ ގޮތުގައި ކުލްބުޝާން ހައްޔަރުކޮށްފައިވަނީ އޭނާ އީރާނުގައި ހުއްޓާ "ވަގަށްނަގައިގެން" ނެވެ.

ކުލްބުޝާން ހައްޔަރުކުރިތާ މާ ގިނައިރުތަކެއް ނުވެ ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭނާގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އެވީޑިއޯ ކުލްބުޝާން ވަނީ، ޖާސޫސުކުރާ ކަމަށް އިއުތިރާފުވެފައެވެ. އިންޑިއާއިން ބުނަމުންދަނީ މިއީ ބިރު ދައްކައިގެން ނަގާފައިވާ ވީޑިއޯއެއް ކަމަށާ، ކުލްބުޝާންގެ އިއުތިރާފާ މެދު ސުވާލުތަކެއް އުފެދޭ ކަމަށެވެ.

ޖާސޫސް ކުރުމުގައި ޓެރަރިޒަމްގެ ކުށުގައި ކުލްބުޝާންގެ މައްޗަށް 2017 ވަނަ އަހަރުގެ އޭޕްރިލް މަހު ޕާކިސްތާނުން މަރުގެ ހުކުމް އިއްވުމާއެކު އެއް މައްސަލަ އައި.ސީ.ޖޭއަށް ވެއްދީ އިންޑިއާއިންނެވެ.

1945 ވަނަ އަހަރު އުފެދުނު އައި.ސީ.ޖޭއަކީ ދޭދޭ ގައުމުތަކުގެ ޖެހޭ މިފަދަ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ގާއިމުކުރެވުނު ކޯޓެކެވެ. އިންޑިއާއާއި ޕާކިސްތާނުގެ މައްސަލައެއް މި ކޯޓަށް އެންމެ ފަހުން ވައްދާފައިވަނީ 1999 ވަނަ އަހަރުއެވެ. އެއީ އިންޑިއާއިން ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލި ކަމަށް ބުނާ މައްސަލާގައެވެ. އެ މައްސަލަ އައި.ސީ.ޖޭއިން ނިންމާލީ، އެކަމުގައި ގޮތެއް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އެ ކޯޓަށް ލިބިފައި ނުވާކަމަށް ކަނޑައެޅުމަށްފަހުގައެވެ.