ބުރިޖް ކައިރީގައި އޮންނަ ހުސްބިމުގައި ސަރުކާރުން ތަރައްގީކޮށްފައިވާ ޕާކު ހެދުމަށް ރައްޔިތުން އެހީ ވެފައި ވާކަމަށް މާލެ ސިޓީކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މި މޭރުމުން ވިދާޅުވެފައި ވަނީ ކުރީގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެންނެވެ. ހަލީލުގެ ޓްވީޓުގައި ވަނީ ރައްޔިތުންގެ ޓްކްސް އިން މި ޕާކު ގާއިމް ކުރުމަށް ކިހާ ފައިސާއެއް ހޭދަވިތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ރައްދު ދެއްވައި މޭޔަރު ޝިފާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ ތެރޭގައި މިފަދަ ޕާކުތައް ތަރައްގީ ކުރުމަށް އުފަލާއެކު ސަރުކާރަށް އެހީވާނެ ފަރާތްތައް ތިބިކަމަށެވެ. އަދި އެފަދަ ކަންކަން އުފަލާއެކު ރައްޔިތުން ކޮށްދެނީ ސަރުކާރުގެ އިސް ފަރާތްތަކުގެ ޖީބަށް އެ ފައިސާ ނުވަންނާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

ހަލީލު މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކުތައް ބިނާކުރުމާ ގުޅިގެން އެމްޑީޕީންނާއި އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކުން ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން އޭރުގެ ސަރުކާރުން ކުރަމުން ގެންދިޔައީ ބޭކާރު ހަރަދުތަކެއް ކަމަށް ތުހުމަތު ކޮށްފައި ވަނިކޮށެވެ. ރައީސް ޔާމީނުގެ ދައުރުގައި މާލޭގައި ކުރީގެ ސަލްޓަން ޕާކު ވަނީ ރަސްރަނި ބަގީޗާގެ ނަމުގައި ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައެވެ. މީގެ އިތުރުން ހުޅުމާލޭގައިވެސް ވަނީ ސެންޓަރަލް ޕާކުގެ ނަމުގައި ބޮޑު ޕާކެއް ތަރައްގީކޮށްފައެވެ.

ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ސަރުކާރުން ތަރައްގީ ކުރަމުންދާ ޕާކަކީ މި ސަރުކާރުގެ ފުރަތަމަ ޕާކެވެ. އެ ޕާކު ތަރައްގީ ކުރަމުންދަނީ ވަށައިގެން ފެންފޯއް ރުއްތައް އިންދައި ފެހިކަންގަދަ ކާޕެޓެއް ބޭނުންކޮށްގެނެވެ. ޕާކުގައި އަދި އިށީންނާނެ ފަދަ ގޮނޑިއެެއް ނުވަތަ އެހެނިހެން އެފަދަ އެއްޗެއް ބަހައްޓަފައި ނުވީނަމަވެސް އެތަނުގެ ފެހިކަމުގެ ސަބަބުން މިހާރުވެސް އެ ތަން ވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައެވެ. މި ޕާކު ތަރައްގީ ވެގެން އައީ އެންމެ މަހެއްގެ ތެރޭގައެވެ.

މިތަނަށް ހޭދަވާނެ ކަމަށް ލަފާކުރާ ޖުމްލަ އަދަދެއް އަދި މިތަން ތަރައްގީ ކުރުމަށް ފައިސާ ހޭދަކުރި ފަރާތްތަކުގެ މައުލޫމާތުވެސް މިހާތަނަށް ސަރުކާރުގެ އެއްވެސް މުއައްސަސާ އަކުން ހާމަ ކޮށްފައެއް ނުވެއެވެ.