ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްް (ބިއެމްއެލް) އިން މަޖިލީހުގައި ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތުތައް ކުރެވެން ފަށައިފިއެވެ.

ބީއެމްއެލުން ދޮގު ހެދިކަމާމެދު ޝައްކު އުފެދިފައި ވަނީ އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް، ބީއެމްއެލުން ދިން މައުލޫމާތާ ގުޅިގެންނެވެ.

ނީޒާ ވަނީ ބީއެމްއެލްގެ އިސް ދެ މުވައްޒަފަކު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވާފައެވެ. ބީއެމްއެލް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިި ވަނީ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައެވެ. ބީއެމްއެލުން މާލިއްޔަތު ކޮމިޓީގައި ދޮގު ހެދިކަމަށް ތުހުމަތުކުރެވޭ އިރު، މަޖިލީހުގެ ބައެއް ކޮމިޓީގެ މުގައްރިރުން ވަނީ ކޮމިޓީތަކަށް ހާޒިރުވާ މުއައްސަސާތަކުގެ ބޭފުޅުން ދޮގު ހައްދަވާކަމަށް ތުހުމަތުކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާ ބެހިކަމަށް ތުހުމަތުކުރެވޭ އެސްއޯއެފްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ވަންނާތީ އެކަން ރިޕޯޓު ކުރުމުގެ ގޮތުން ޝައްކު ކުރެވޭ ކަންކަން ހުރުމުން އެސްއޯއެފުގެ އެކައުންޓުތައް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށާއި، އެކަމަކު އެގޮތަށް އެކައުންޓު ފްރީޒު ކުރުމުގެ ބާރު ބޭންކަށް ލިބިގެން ނުވާ ކަމަށް އެފްއައިޔޫ އާއެކު ފޯނުން ކުރި މަޝްވަރާތަކުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު، އެފްއައިޔޫ ގެ ވެރިން ފާހަގަކުރި ކަމަށް ވިދާޅުވެފައެވެ.

އަދި ބީއެމްއެލްއިން ބުނެފައިވަނީ އެސްއޯއެފުން ބޮޑެތި އަދަދުތަކުން ކުރަމުން ދިޔަ މުއާމަލާތްތަކާއި މެދު ޝައްކު އުފެދި، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނޮވެމްބަރު 2014 ގައި އެމްއެމްއޭގެ އެފްއައިޔޫ އަށް ޝައްކު އުފެދޭ މުއާމަލާތްތަކެއްގެ ރިޕޯޓު ފޮނުވި ކަމަށެވެ.

އަދި ބީއެމްއެލުން އެސްއޯއެފްގެ އެކައުންޓަށް ފައިސާ ވަތް ކަމަށް މައުލޫމާތު ހިއްސާކުރި ފަރާތްތަކުގެ ތެރޭގައި ނީޒާ ހިމެނޭކަމަށް ވިދާޅުވުމުން، ނީޒާ ވަނީ އެކަން ދޮގުކުރައްވާ ބަޔާނެއް ނެރުއްވާފައެވެ. ނީޒާގެ އިތުރުން އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކުރޫގެ ނަންވެސް ބީއެމްއެލުން ވަނީ ކޮމިޓީގައި ފާހަގަކޮށްފައެވެ.

ނީޒާ ވަނީ މި މައްސަލައިގައި ބީއެމްއެލްއަށް އެފަދަ ލަފައެއް ދީފައި ނުވާނެކަމަށް ވިދާޅުވެ ނޫސް ބަޔާނެއް ނެރުއްވާފައެެެވެ.

ނީޒާ ވިދާޅުވީ، އެމްއެމްޕީއާރްސީ އަދި އެސްއޯއެފާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަހުގީގަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ނީޒާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އެފްއައިޔޫގެ އިސްވެރިއާގެ އެންގެވުމަށް ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން، އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅުއްވައި ދޫކޮށްލުމަކީ ހެޔޮ ނިޔަތެއްގައި ކުރައްވައިފައިވާ ކަމެއް ނޫންކަމަށާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯއްދަވައި ދެއްވުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މި މައްސަލައިގެ މައުލޫމާތު ހާމަކުރުމަށް ނީޒާ ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވި އިރު، އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވެސް ވަނީ ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ދެއްވަން ބޭނުންވާކަން ހާމަކުރައްވާފައެވެ.