އެއްވެސް ހުރަހެއް ނެތް ގޮތަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުޅުވާލުމަށް އެގައުމުން އަންގާރަ ދުވަހު ނިންމި ނިންމުމާއެކު، އެ ސަރަހައްދުން ކުރަން ހަމަޖެހޭ ފްލައިޓް ދަތުރުތައް ރީޝޭޑިއުލް ކުރުމަށް ދެތިން ދުވަސް ހޭދަވާނެކަމަށް އެއާ އިންޑިއާއިން ބުނެފިއެވެ.

މިއީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދުނު އަސްކަރީ ކޯޅުންގަނޑާ ގުޅިގެން ޕާކިސްތާނުގެ ސަރަހައްދު ބަންދުކުރުމަށްފަހު، އެއްވެސް ހުރަހެއް ނެތް ގޮތަށް، މުޅި ސަރަހައްދު އާންމުކޮށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައި އޮތް އޮތުމުގެ ސަބަބުން، ގިނަ އެއާއިލައިންތަކަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދަތުރުކުރާ މަންޒިލުގެ ގޮތުން ރޫޓުތައް ބަދަލުކުރުމުގެ ސަބަބުން ދަތުރުގެ ދިގުމުން އިތުރުވުމާ، ހިނގާ ހަރަދު އިތުރުވުން ފަދަ އެތައް ތަކުލީފެއް އެއާލައިންތަކުންވަނީ އުފުލާފައެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުޅުވާލިކަން ކަށަވަރުވުމާއެކު އިންޑިއާގެ ސިވިލް އޭވިއޭޝަން ވުޒާރާއިންވަނީ އެއީ ލިބުނު ހެޔޮ ހަބަރެއް ކަމަށާ، އެއީ ވައިގެ ދަތުރުކުރާ ފަސެންޖަރުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަން ފާހަގަކޮށް ޓްވީޓެއްވެސް ކޮށްފައެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހުނީވެސް އިންޑިއާގެ އެއާލައިންތަކަކަށް ކަމަށްވާއިރު، އިންޑިއާއިން އޮޕަރޭޓްކުރާ ގިނަ އެއާލައިންތަކަކީ މިހާރުވެސް ބަނގުރޫޓުވެ، އިނދަޖެހުމުގެ ތަންފަތްމަތިން ދަތުރުކުރަމުންދާ އެއާލައިންތަކެކެވެ.