އަސާސި ޕެންޝަން 5000 ރުފިޔާއިން 10،000 ރުފިޔާއަށް ބޮޑުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިިވާ އިސްލާހަކީ "މަނީ ބިލެއް" ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޖާބިރު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ މި ބިލަކީ ދިވެހި ދައުލަތުން ހުށަހަޅަން ޖެހޭ ބިލެއް ކަމަށާއި، ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ފަހު އަހަރުގެ މެދުތެރެއިން މިފަދަ ބިލެއް ހުށަނޭޅޭނެ ކަމަށެވެ. އަދި ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ވަގުތުން މަޖިލީހުން ބޭރު ކުރުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

"މިއީ ކުރެވޭނެ ކަމެއް ނޫން. މިއީ އެއްވެސް ގޮތަކަށް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ގަވާއިދު ލިޔާއިރު ވެސް މި ވާހަކަ ލިޔެފައި އޮންނާނެ. ލިޔާނަން. މި މަޖިލީހުން އިރާދަކުރެއްވިއްޔާ އެ ގަވާއިދު ފާސްވެގެންދާނެ،"
އިބްރާހިމް ޝަރީފް

ޝަރީފް ވިދާޅުވީ ކޮންމެ މެންބަރަކު ވެސް އެ މެންބަރަކު އިސްތިހާރު ވެލަން ބޭނުން ވީމާ، މަޖިލީހުގެ ތަޅުމުގައި ވަގުތު ހޯދަން ބޭނުންވީމާ އެކިއެކި ނަންނަމުގައި ބިލްތައް ހުށަހެޅުއްވިދާނެ ކަމަށެވެ. ނަމަވެސް ދިވެހި ދައުލަތް މިހިނގަނީ ލިބޭ އެއްޗަކަށް ވުރެ ހަރަދު ބޮޑުކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަނީގެ ނިސްބަތް އަހަރަކު ތިރިކުރަން ޖެހޭނެ ކަމަށް ހަރަދަށް ޒިންމާވާ ގާނޫނުގައި ބުނެފައިވީ ނަމަވެސް، އެ މިންގަނޑުގެ ތެރޭގައި ދަރަނި ހިފަހެއްޓިފައި ނުވާ ކަމަށެވެ. ޝަރީފް ވިދާޅުވީ 5000 ރުފިޔާ އަސާސީ ޕެންޝަންގެ ގޮތުގައި ދައުލަތުން ދެމުންދަނީ އިންފުލޭޝަން އަދި ތަކެތީގެ އަގުތަކަށް އަންނަ ބަދަލަށް ބެލުމަށް ފަހުގައި ކަމަށެވެ.

"ރާއްޖޭގައި ވަޒީފާ އަދާކުރަމުން އެބަދޭ 5000 ރުފިޔާ ނުލިބޭ ބައިވަރު މީހުން. އެމީހުންގެ ހައްގުތަކަށް ވަކާލާތު ނުކޮށް، ސިވިލް ސާވެންޓުންނާއި ދައުލަތަށް ހިދުމަތްކުރާ މީހުނަށް ލިބޭ މުސާރައަށް ރިއާޔަތް ނުކޮށް އަޅުގަނޑުމެން އިސްތިހާރުވެލަން ވެގެން، މާ މޮޅުކަމެއް ކުރެވެނީކަމަށް ހީކޮށް މިކަހަލަ ބިލްތައް ހުށަހެޅުމަކީ ހިތާމަހުރި ކަމެއް، ލަދުވެތިކަމެއް،"
އިބްރާހިމް ޝަރީފް

ޝަރީފް ވަނީ "މަނީ ބިލްތައް" މަޖިލީހުގެ ތަޅުމަށް ހުށަނޭޅޭނެ ގޮތަށް ހެދުމަށް ވެސް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މި ބިލަކީ ފާސްކޮށްގެން ނަމަވެސް މަޖިލީހުގެ ތަޅުމުން ބޭރުކުރަން ޖެހޭ ބިލެއް ކަމަށާއި، މި ބިލަށް ބަހުސްކުރަން ނުޖެހޭ ކަމަށެވެ.