ޑްރަގް ކޯޓްގެ ގާޒީ މަހާޒު އަލީ ޒާހިރުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އަޅާފައިވާ ފިޔަވަޅު މުރާޖައާ ކުރުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

ގާޒީ މަހާޒުގެ މައްޗަށް ޖޭއެސްސީން ފިޔަވަޅު އަޅާފައިވަނީ އޭނާގެ ސުލޫކީ މައްސަލައެއް ސާބިތުވުމާއި ގުޅިގެންނެވެ. ނަމަވެސް ޖޭއެސްސީން މިއަދު ބުނީ ގާޒީ މަހާޒުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދޭން އެދި ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ އެ ނިންމުން މުރާޖައާ ކުރަން ކޮމިޝަނުން މިއަދު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ގާޒީ މަހާޒުގެ މައްސަލަ ބަލައިގަނެ ކޮމިޓީއެއް އެކުލަވައިލީ މިއަދު ބޭއްވި ޖޭއެސްސީގެ 45 ވަނަ ބައްދަލުވުމުގައެވެ. ގާޒީ މަހާޒުގެ މައްސަލަ މުރާޖައާ ކުރުމަށް އެކުލަވާލީ ފަސް މެންބަރުންގެ ކޮމިޓީއެކެވެ.

ގާޒީ މަހާޒުގެ ސުލޫކީ މައްސަަލައެއް ސާބިތުވާ ކަމަށް ނިންމާ، ޖޭއެސްސީން އޭނާ އަށް އިންޒާރު ދީފައިވަނީ އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމަކާ ގުޅިގެން 2014 ވަނަ އަހަރެވެ. މި ލިޔުމަކީ، ޕްރޮސެކިއުޓާ ޖެނެރަލެއް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ނައިބެއް ވެސް ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ލިޔުއްވާފައިވާ ލިޔުމެކެވެ.