ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފު ކުރެއްވި ތުހުމަތުތަކަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު އަންނަ ހަފްތާގައި މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ގަވަރުނަރު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ، މަނީލޯންޑާ ކުރުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރަން ގަވަރުނަރު ހުރަސް އެޅުއްވި ކަމަށްބުނެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުﷲ އަޝްރަފް ކޮމިޓީއަށް ހުށަހެޅި ސިޓީއަކާ ގުޅިގެންނެވެ.
އެގޮތުން، އަޝްރަފްގެ ސިޓީގައި ކޮށްފައިވާ ތުހުމަަތުތަކުގެ ރައްދު ގަވަރުނަރު ވަނީ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައެވެ. އަދި ދެ ބޭފުޅުން ދައްކާފައި ހުރި ވާހަކަތައް ވަކިވަކިން ނަގައިގެން ދިރާސާ ކުރަން ފެންނަ ކަމަށާއި އެއަށް ފަހު ދެ ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށް އިތުރަށް ބަލަން ޖެހޭ ކަމަށް މިއަދުގެ ކޮމިޓީގައި މެންބަރުން ވަނީ ބުނެފައެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މިއީ ވަރަށް ސީރިޔަސް މައްސަލައެއް ކަމަށާއި، މަޖިލީހުން ހިންގަވަން އުޅުއްވަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ނޫން ކަމަށެވެ. ނަމަވެސް މަރުކަޒީ ބެންކުގެ ތެރޭގައި މިފަދަ ކަންކަން ހިނގާ ކަމަށް ވާނަމަ އެކަންތައް ބަލަން ޖެހޭނެ ކަމަށާއި، މި ބޭފުޅުންނަކީ އެ މަގާމުގައި ތިބެން އިތުބާރު ހުރި ބޭފުޅުންތޯ ވެސް ބަލަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ 18 ވަނަ މަޖިލީހުގައި ވެސް އެކަމާ ގުޅޭ ގޮތުން ގިނަ މަސައްކަތްކޮށްފައިވާ ކަމަށާއި އެކަންކަން މި މަޖިލީހުން ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި އޭރު އެ މައްސަލަ ކުރިޔަށް ދިޔަ ގޮތުގެ ޔައުމިއްޔާ މެންބަރުން ބަލާލަން މުހިންމު ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.