ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް މިނިވަންވެއްޖެއެވެ.

ކަރެކްޝަންސް ސާވިސަސްގެ ތަރުޖަމާނު އަހްމަދު ނަސީމު ވިދާޅުވި ގޮތުގައި، އަދީބު މިހާރު ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި، އޭނާ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

މިކަމާ ގުޅިގެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވުމުގެ ސަބަބުން، އާއިލާއިން ބުނަނީ އޭނާ މިނިވަން ވީ ނޫން ކަމަށާއި، އަދީބު ދޫކޮށްލީ މާލެ ބަންދަށް ކަމަށެވެ.

ކޮރަޕްޝަނާއި ޓެރަރިޒަމް ހިމެނޭ ގޮތުން އަދީބު މައްޗަށް އުފުލި ދައުވާ ތަކުގައި 33 އަހަރު ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ހުކުމެއް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ ހުކުމް ރިވިއު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެމައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި ވަކިގޮތެއް ނިމެންދެން އަދީބުގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. އެހެންވީމަ މިނިވަންވި ނަމަވެސް ރާއްޖެއިން ބޭރަށް އަދީބަށް ވަޑައެއް ނުގަނެވޭނެއެވެ.

ކޯޓު ހުރުމަތް ކެނޑިކަމުގެ ހުކުމް އަދީބު ތަންފީޒު ކުރަން ފަށާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހުއެވެ. އެފަހުން ބޭސްފަރުވާއަށް އިންޑިއާއަށް ފުރާ ވަޑައިގަތުމަށް ހުކުމް ތަންފީޒު ކުރުން މެދު ކަނޑާލުމަށް ފަހު މިމަހުގެ ހަވަނަ ދުވަހު މާލެ އައިސް ހުކުމުގެ ބާކީ ބައި ވަނީ ތަންފީޒުކޮށް ނިންމާފައެވެ. އަދީބު އިންޑިއާއަށް ވަޑައިގެންނެވި އިރު އޭނާގެ މައްޗަށް އޮތީ ކޯޓުގެ ހުރުމަތް ކަނޑުއްވައިގެން އައިސް އޮތް 15 ދުވަހުގެ ހުކުމެކެވެ.