ދިރާގު އެމްއެމްއޭ އަދި ސްޕާކްހަބް އިން ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ކަމަށްވާ "އެންޖަލްހެކް މޯލްޑިވްސް 2019" ގެ 2 ވަނަ ހެކަތޯން ރާއްޖޭގައި ފަށައިފިއެވެ.

މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ، އޭންޖަލްހެކްގެ މިއަހަރުގެ ހެކަތޯން ކުރިއަށް ގެންދަނީ ދެ ދުވަހުގެ މުއްދަތަށް ކަމަށް ދިރާގުން ބުނެއެވެ. މި ހެކަތޯންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ހުނަރުވެރި ގިނަ ޒުވާނުންތަކެއް ބައިވެރިވެ، ތަފާތު އީޖާދީ އެޕްތަކާއި ސޮފްޓްވެއާތައް ކޯޑުކޮށް، ޓެސްޓުކުރުމާއި ލޯންޗުކުރުން ފަދަ ހަރަކާތްތައް ހިމެނޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، އެންޖަލްހެކް އިން މި އަހަރު މަސައްކަތްކުރަމުން ދަނީ ހަތަރު މަސްދުވަހުގެ ތެރޭގައި 300 ހެކަތޮންސް ބައިވެރިކުރުމަށް ކަމަށެވެ. އޭންޖަލްހެކްގެ އެއްވަނަ ހާސިލްކުރާ ފަރާތަށް އޭންޖަލްހެކްގެ ގްލޯބަލް ވާޗުއަލް ޕްރީ އެކްސެލެރޭޓާ ޕްރޮގްރާމް ކަމުގައިވާ "ހެކްސެލެރޭޓާ" ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގު ބުނެއެވެ.

ބައިނަލްއަގްވާމީ ހެކަތޯނެއް ކަމަށްވާ އޭންޖަލްހެކް، އެންމެ ފުރަތަމަ ފެށިފައިވަނީ ސެންފްރާންސިސްކޯ ގައެވެ. މި ހެކަތޯން މިހާތަނަށް 150 އަށްވުރެ ގިނަ ސިޓީގައި ކުރިއަށް ގެންގޮސްފައިވާއިރު، 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުންނާއި ޑިޒައިނަރުން އަދި ކުދި ވިޔަފާރިވެރިނަށް މި ހެކަތޯންގެ ޒަރީއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހެކްސެލެރޭޓާ ކުރިއަށް ދާނީ 12 ހަފްތާގެވމުއްދަތަކަށެވެ. ހެކްސެލެރޭޓާގެ ބައިވެރިންނަށް ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ނާރެސް، އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީ އިން ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި ހިޔާލުތައް ރަނގަޅު ފެންވަރުގެ ސްޓާޓްއަޕްތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ދިރާގު ބުނެއެވެ.