ބޮލީވުޑް ޕަޕަރާޒީންގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެންމެ ހަގު ޝަހްސަކީ ތައިމޫރު އަލީ ހާންއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އިންޓަނެޓްގައި ތައިމުރުގެ ފޮޓޯއެއް ރަސްކަން ކުރަމުން ނުދާ ހަފުތާއެއް މަދުވާނެއެވެ.

މިފަހަރުވެސް ތައިމޫރު އިންޓަނެޓްގެ ސަމާލުކަން ހޯދައިފިއެވެ. ނަމަވެސް ތަފާތު ގޮތަކަކަށެވެ. މިފަހަރު، އޭނާއާއި ސިފަ އެއްގޮތް އެހެން ކުޑަކުއްޖެއްގެ ވާހަކައާއިއެކުގައެވެ.

ބޮލީވުޑްގެ ސެލެބްރިޓީންނާ ސިފަ އެއްގޮތް މީހުން ތިބޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް އެމީހުންގެ ދަރިންނާ ސިފަ އެއްގޮތްވެގެން ޚަބަރަށް އެ ވާހަކަ އެރި މިއީ ފުރަތަމަ ފަހަރަށްވެސް ވެދާނެއެވެ.

ތައިމުރާ ސިފަ އެއްގޮތްވެ، އިންޓަނެޓްގެ އަހުލުވެރިންގެ ހިތްތަކުން ޖާގަ ހޯދި ބަތޮލަކަށް މިފަހަރު މިވީ ސަނީ ލިއޯންގެ ދަރިފުޅު ނޯއާއެވެ.

ޕްލޭ ސްކޫލްގެ ބޭރުގައި ނޯއާއާއި އޭނާގެ މަންމަ އެކުގައި ތިބި ފޮޓޯއެއް އިންޓަނެޓްގައި އާންމުވުމާއެކު އެންމެނަށްވެސް ނޯއާ ވައްތަރުވީ ތައިމޫރްއާއިއެވެ. މިއީ މިވާހަކައިގެ ފެށުން އައި ގޮތެވެ. ނޯއާއަކީ ތައިމޫރު 2.0 ގެ ގޮތުގައި މުހާތަބުކުރާ ބަޔަކުވެސް މިހާރު އެބަ އުޅެއެވެ.

ނޯއާއަކީ ސެރޮގަސީގެ ތެރެއިން ސަނީ ލިއޯންއަށް ލިބުނު އެއްމާބަނޑު ދެބެއިންގެ ތެރެއިން އެކަކެވެ.