މާތްވެގެންވާ މުޤައްދަސް ދެ މިސްކިތުގެ ބެލެހެއްޓުންތެރިޔާގެ ހައިސިއްޔަތުން، ސައުދީގެ ސަލްމާން ރަސްގެފާނު ދެއްވާ ޙައްޖު ދަތުރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 72 ގައުމަކުން 1300 މީހަކަށް ދިނުމަށް އަމުރުކުރައްވައިފިއެވެ.

މިއީ ގެސްޓްސް ޕްރޮގްރާމް ފޮ ޙައްޖު އެންޑް އުމްރާ މަޝްރޫއުގެ ދަށުން ކުރެއްވި އަމުރުފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީގެ އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑަންސް މިނިސްޓަރު ޝައިހު ޢަބްދުލްއާތިފު އަލް ޝައިހު ވިދާޅުވީ، މިއީ މުސްލިމުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ސައުދީން ކުރާ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. ޝައިހު ޢަބްދުލްއާތިފު އަލް ޝައިހު އަކީ ގެސްޓްސް ޕްރޮގްރާމް ފޮ ޙައްޖު އެންޑް އުމްރާ މަޝްރޫއުގެ ޖެނެރަލް ސުޕަވައިޒަރުވެސްމެއެވެ.

މީގެ އިތުރުން ސައުދީގެ ސަލްމާން ރަސްގެފާނު ވަނީ، ފަލަސްޠީނުގެ ޝަހީދުންގެ އާއިލާތަކުން 1000 މީހަކަށް މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްވެސް ދައުވަތު ދެއްވާފައެވެ. މި މެންބަރުން ސައުދީގައި ތިބޭނީ ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ޙައްޖުގެ އަޅުކަމާ ގުޅުންހުރި ކަންކަމާ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސް ތިބޭ ތިބުމުގައި އެއްވެސް ކަމެއް ސިޔާސީ ނުކުރުމަށް ގޮވާލައްވާފައެވެ.