ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން އެމެރިކާ މިދިޔަ އަހަރު ވަކިވީ، ކުރީގެ ރައީސް ބަރަކް އޮބާމާ ކޯފާވެވަޑައިގަންނަވާނެ ގޮތެއް ހެއްދެވުމަށްކަމަށް، އިނގިރޭސިވިލާތުން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމުގައި ކުރިން ހުންނެވި ކިމް ޑެރޯކް ލިޔުއްވާފައިވާކަމަށް ބުނާ މެމޯއަކުން ހާމަވެއްޖެއެވެ.

މި މެމޯއަކީ ޑެރޯކްގެ ފަރާތްޕުޅުން ލިޔުއްވާފައިވާ މެމޯތަކުގެ ތެރެއިން މީޑިއާއަށް ލީކުވެގެން އުޅޭ މެމޯތަކުގެ ތެރެއިން މެމޯއެއްކަމަށް ޚަބަރު ލިބެއެވެ.

ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ސުލްހައިގެ އެއްބަސްވުން ދޫކޮށްލެއްވީ މިދިޔަ އަހަރުގެ މެދަކާ ހިސާބުގައި ކަމަށްވާއިރު، އެހާ ތަނުން ފެށިގެން އަދާ ޖެހެންދެކަށްވެސް މިމައްސަލައަށް އެދެވޭ ހައްލެއް ވަނީ ނުހޯދިފައެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާއަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ލީޑަރެކެވެ.

މައުލުމާތު ލިބޭ ގޮތުގައި ލީކުވެގެން އުޅޭ މެމޯއަކީ މި އެއްބަސްވުން ދޫކޮށްނުލުމަށް އިނގިރޭސިވިލާތުގެ ކުރީގެ ހާރިޖީ ވަޒީރު އެމެރިކާއަށް ގޮވާލެއްވި ފަހުން ލިޔުއްވާފައިވާ މެމޯއެކެވެ.

ޓްރަމްޕްއާއި ގުޅުންހުރި މައުލޫމާތު ހިމެނޭ މެމޯއެއް ލީކުވެފައި މިވަނީ ޑިޕްލޮމެޓިކް ފެންވަރުގެ މެމޯތަކުގައިވާ މައުލޫމާތު މީޑިއާގައި ލީކު ނުކުރުމަށް އިނގިރޭސިވިލާތުގެ ފުލުހުން އިންޒާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.