ބުރާސްފަތި ދުވަހުން ފެށިގެން ނޭޕާލްއަށް ކުރަމުންދާ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 30 އަށްވުރެ މައްޗަށް އަރާ، ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 18 އަށް އަރާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

މަރުވި މީހުންނަކީ ނޭޕާލްގެ އެކި ހިސާބުތަކުން މަރުވި މީހުން ކަމަށާ، އޭގެ ތެރޭގައި ވެރިރަށް ކަތްމަންޑޫއިން މަރުވި މީހުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މިމަހުގެ 15ގެ ނިޔަލަށް އެ ގައުމުގެ އެކި ހިސާބުތަކަށް ގަދައަށް ވިއްސާރަކުރުން އެކަށީގެންވާކަމުގެ އިންޒާރު، ނޭޕާލްގެ މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކުންވަނީ ދީފައެވެ.

ކަންމިހެންއޮތްއިރު، ނޭޕާލްގެ އިރުމަތީ ސަރަހައްދުތަކުން ގޮސް، އިންޑިއާގެ ބިހާރާ ގުޅިފައިވާ ކޯސީ ކޯރުގެ ފެންގަނޑު، ކަންބޮޑުވާ، "ނުރައްކާ" ދަރަޖައަކަށް އުފުލިފައިވާކަމުގެ އިންޒާރުވެސް ނޭޕާލްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާ، ގިނަ ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ނޭޕާލުގެ ފޮރިން މިނިސްޓަރު، ޕްރަދީޕް ކުމާރް ގިޔަވާލީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. މިހިތާމަވެރި ވަގުތުގައި ނޭޕާލް ރައްޔިތުންނާއި ސަރުކާރާއި ޚާރިޖީ ވަޒީރަށް، އަދި ވަކިން ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރު ޝާހިދު މެސެޖުގައި ވިދާޅުވެފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަންވެސް މިނިސްޓަރު ޝާހިދުގެ މެސެޖުގައި ފާހަގަކުރައްވާފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެއެވެ.

ނޭޕާލްއަކީ ބޭސްވެރިކަމުގެ ރޮނގުން ގިނަ އަދަދަކަށް ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ގޮސް އުޅޭ ގައުމެކެވެ. ނަމަވެސް މި ވިއްސާރާގައި އެއްވެސް ދިވެއްސެއްގެ ފުރާނައަށް ނުރައްކާވެ، ހާލުގައިޖެހިފައިވާކަމުގެ މައުލޫމާތެއް ދިވެހި ހާރިޖިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

މި ދަނޑިވަޅަކީ، އިންޑިއާގެ ބައެއް ހިސާބުތަކަށް ގަދައަށް ވިއްސާރަކޮށް، ބަޔަކު މަރުވެ، އެތައް ބަޔަކު ހާލުގައިޖެހިފައިވާ ދަނޑިވަޅެކެވެ.