ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދު، އަދި ނައިބަކަށް މުއިއްޒު އިންތިހާބުކޮށްފިއެވެ.

ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އާއި، ވަކީލު މައުމޫން ހަމީދެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމެވެ.

މާލެއާ އައްޑޫގައި ވޯޓު ފޮށި ބަހައްޓައިގެން ކުރިއަށް ގެންދިޔަ އެ އިންތިހާބުގައި އެއް ފޮށީގެ ނަތީޖާ ފިޔަވައި ދެން ހުރި ދެ ފޮށީގެ ނަތީޖާ މިހާރު އިއުލާން ކޮށްފައިވާއިރު، އެ ދެ ފޮށިން މައުމޫން ހަމީދަށް 267 ވޯޓު ލިބިވަޑައިގެންނެވިއެވެ. އަދި ސުއޫދަށް ލިބިވަޑައިގެންނެވީ 196 ވޯޓެވެ. މީގެ އިތުރުން، ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން މުއިއްޒުއަށް 407 ވޯޓު ލިބިވަޑައިގެންފައިވާއިރު. ހަލީމަށް ލިބިވަޑައިގެންނެވީ 54 ވޯޓެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހަ ވަކީލުން އިންތިހާބް ކުރާއިރު، މި ކޮމެޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި، ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި ބަންޑާރަ ނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ހަ ބޭފުޅެއްގެ މައްޗަށެވެ.

ބާ ކައުންސިލް އިންތިހާބުގެ ވަގުތީ ނަޖީތާ މިއަދު އިއުލާން ކުރާނެ ކަމަށާއި، ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އީސީ އިން ބުނެއެވެ.