ރާއްޖޭގައި މަސައްކަތް ކުރާ ގާނުނީ ވަކީލުންނާ ބެހޭ ހުރިހާ ކަމެއް ބެލެހެއްޓުމަށް އެކުލަވައިލާ ބާ ކައުންސިލު އިންތިހާބުގެ ވޯޓުފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ފަށައިފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ، މާލޭގެ އިތުރުން އައްޑޫ ސިޓީގައެވެ. މާލެ ސިޓީގައި ވޯޓުލުން ޖަމާލުއްދީން ސުކޫލުގައި ކުރިއަށް ގެންދިޔަ އިރު، ޖަމާލުއްދީން ސްކޫލުގައި ދެ ވޯޓުފޮށި ބެހެއްޓިއެވެ. އަދި އައްޑޫ ސިޓީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ފޭދޫ ޝަރަފުއްދީން ސުކޫލުގައެވެ.

އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން އެންމެ ފަހުން ނެރުނނު ތަފާސްހިށަބުތަކުން ދައްކާގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1487 މީހުންގެ ތެރެއިން 723 މީހުން ވަނީ މިއަދު 3:00 ގެ ކުރިން ވޯޓުލާފައެވެ. އެގޮތުން އައްޑޫ ސިޓީގައި ބެހެއްޓި ވޯޓު ފޮށްޓަށް 12 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު 3:00ގެ ކުރިން 11 މީހުން ވަނީ އެ ފޮށްޓަށް ވޯޓުލާފައެވެ. އަދި މާލޭގައި ބެހެއްޓި ދެ ވޯޓު ފޮށްޓަށް 1475 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، 712 މީހުން ވަނީ 3:00ގެ ކުރިން މި ފޮށިތަކަށް ވޯޓުލާފައެވެ.

ބާ ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: އީސީ

މި އިންތިހާބުގައި ހޮވަނީ ބާ ކައުންސިލުގެ ރައީސް އަކާއި، ނައިބު ރައީސެއްގެ އިތުރުން 6 މެންބަރުންނެވެ. ބާ ކައުންސިލުގެ ރައީސް ކަަމަށް ދެ ބޭފުޅަކު، ނައިބު ރައީސް ކަމަށް ދެބޭފުޅެއްގެ އިތުރުން މެންބަރު ކަމަށް 19 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ. އެގޮތުން ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އާއި، ވަކީލު މައުމޫން ހަމީދެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމެވެ.

ކައުންސިލް މެންބަރު ކަމަށް ކުރިމަތިލައިފައިވާ 19 ބޭފުޅުންނަކީ، އަލީ ނަސީރު ގާސިމް، އަނާރާ ނައީމް، އާމިނަތު އަރީޖު ހުސައިން، ޝަބާން ރަޝީދު، އަހުމަދު މުއިއްޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ. މުހައްމަދު އިބްރާހިމް، ޒުބައިދު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބްދުއްސަލާމް އަރީފު، އަނަސް އަބްދުއްސައްތާރު، މުހައްމަދު ވަޖީހު ނަޖީބު، ސަފާ ޝަރީފު، އަބްދުލް މާނިއު، މުހައްމަދު ފަރީދު، ޒިމްނާ އަބްދުލް މުހުސިން، އައިޝާ ސުޖޫން ގެ އިތުރުން މުހައްމަދު އަސީލް އަދި އަލީ ޝާހު އެވެ.

ބާ ކައުންސިލް އިންތިހާބުގެ ވަގުތީ ނަޖީތާ މިއަދު އިއުލާން ކުރާނެ ކަމަށާއި، ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އީސީ އިން ބުނެއެވެ.