ދެކުނުގެ އަތޮޅެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޓުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 23:35 ހާއިރު ކަމަށާއި މި މައްސަލައާއި ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުލީގެން އެ ފިރިހެން މީހާ ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާސް ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފައި ވާކަމަށެވެ. އަދި މި މައްސަލަ ފުލުހުންގެ އިތުރުން ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކުން ވެސް ބަލަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިއީ ކުޑަ ކުއްޖަކާ ގުޅޭ މައްސަލައެއް ކަމުން ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އޭނާ ނިސްބަތްވާ އަތޮޅާއި ރަށުގެ އިތުރުން އައިޑެންޓިޓީ އެނގޭފަދަ އެއްވެސް މައުލުމާތެއް ހާމަނުކުރާނެ ކަމަށެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލާ މައްސަލަތަކެއް ކަމަން މި މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޖެންޑާ މިނިސްޓރީ އިން ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީއަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ ކުޑަކުދިންނަށް ތަފާތު ގޮތްގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ. ވަރަށް ފަހުންވެސް އަތޮޅުތެރޭގެ ރަށެއްގައި ވަނީ މުސްކުޅި ފިރިހެނަކާއި ކުއްޖާގެ ދެ ބޭބެއަކު ވެގެން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައެވެ.