ގަސްތަކުގެ ތެރެއިންލާފައި ގޮސް ފޭބެން އޮންނަ ފެންގަނޑެކެވެ. މި ތަން އޮންނަނީ ސައިބީރިއާގެ ސިޓީއެއްކަމަށްވާ ނޮވޯސިބިސްކްގައެވެ. ފެންގަނޑު ތެރޭގައި ހުންނައިރު އެއްފަރާތެއްގައި އޮންނަނީ ގޮނޑުދޮށެއްގައި އޮންނަ ޒާތުގެ ގަސްތަކެކެވެ. މި ފެންގަނޑުގެ ވާހަކަ ފަތުއަޑުކިއާފައި ސޯޝަލް މީޑިއާގައި ގުގުމާލީ މި ފެންގަނޑުގެ އާދަޔާ ހިލާފު ކުލައިން ކަމުގައިވެސް ވެދާނެއެވެ. ވިލު ނޫ ކުލަ ނޫން ދެވަނަ ކުލައެއް ނޫނެވެ.

ސޯޝަލް މީޑިއާގައި މި ފެންގަނޑުގެ ވާހަކަ ދައުރުވާން ފެށުމާއެކު، މި ސަރަހައްދަށް ޒިޔާރަތްކުރާ މީހުންގެ އަދަދުވެސް އެތައް ގުނައަކުން އިތުރުވާން ފެށިއެވެ. ގިނަ މީހުންނަށް މި ފެންގަނޑު ސިފަކުރެވުނީ ދިވެހިރާއްޖޭގެ ފުންވިލު ކުލައިގެ މޫދެއް ފަދައިންނެވެ. މާލީ ތަނަވަސްކަން ތަންނުދިނުމުގެ ސަބަބުން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ނާދެވި ތިބެ، އެހެނަސް، ދިވެހިރާއްޖޭގެ ހުވަފެންތައް ދެކެމުންދިޔަ އެތައް ލޯބިވެރިންނަކަށް މި ފެންގަނޑު ސިފަކުރެވުނީ ސައިބީރިއާގެ "މޯލްޑިވްސް"ގެ ގޮތުގައެވެ.

ސައިބީރިއާގެ "މޯލްޑިވްސް" ކަމަށް އެ ގައުމުގެ އާންމުން ސިފަކުރާ ވިހަ ފެންގަނޑު/ފޮޓޯ: ރަޝިޔާ ބިޔޯންޑް

ކަންމިހެން އޮތްނަމަވެސް، މިއީ އަދި އެ ހީކުރާ ފަދަ ތަނަކަށް ނުވިއެވެ. މިއީ ބަޔަކު އަމިއްލައަށް ހަދާފައިވާ ސަރަހައްދެކެވެ. އަދި އެހާ ހިސާބުންވެސް މި ވާހަކަ ނިންމާލެވޭކަށް ނެތެވެ. މިއީ އެ ސަރަހައްދުގައި ހުންނަ ހަކަތަ އުފައްދާ ޕްލާންޓަކުން އުކާލާ "ކުނި" ޖަމާކުރާ ސަރަހައްދެވެ. މި ފެންގަނޑަށް ވިލު ނޫކަލަ އަރާފައި އޮންނަނީވެސް ކާރުހާނާއިން ބޭރުކޮށް އުކާލާ ކެލްސިއަމް ލޮނާ ދަގަނދު އޮކްސިޑައިޒް ވެގެންނެވެ. މިއީ އިންސާނުންގެ ހަށިގަނޑަށް އިންތިހާއަށް ނުރައްކާ ކުރިމަތިކުރާނެ މާއްދާތަކެކެވެ.

މި ފެންގަނޑަކީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ފެންގަނޑަކަށްވެ، މި ސަރަހައްދަށް ޒިޔާރަތްކުރާ މީހުންގެ ތަސްވީރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ޕަވާޕްލާންޓް ހިންގާ ފަރާތުންވަނީ އިންޒާރުގެ މެސެޖެއްވެސް ނެރެފައެވެ. އެގޮތުން ކޮންމެ ގޮތަކަށް ސެލްފީ ނެގިއަސް، އެ ފެންގަނޑުގައި ނުޖެހި އުޅުމަށް އެ ކާރުހާނާއިންވަނީ އިންޒާރުކޮށްފައެވެ. ފެންގަނޑުގައި ފެތުން މަނާކޮށްފައިވާއިރު، އިނގިލިކުރި ޖައްސާނުލުމަށްވެސް ކާރުހާނާގެ އިންޒާރުގެ މެސެޖުގައިވެއެވެ.

https://www.instagram.com/p/BzvHVStnbj-/?utm_source=ig_web_copy_link

ޕަވާޕްލާންޓުން ބުނީ މި ފެންގަނޑުގެ އަޑިވެސް އޮންނާނީ އިންތިހާއަށް އޮލަ، ތަތްލަވާ އަދި ކައްސާ ޒާތުގެ ގޮތަކަށް ކަމަށާ، މި ސަރަހައްދުގައި ޖެހިއްޖެނަމަ މީހަކު އަމިއްލައަށް ސަލާމަތްވުމުގެ ފުރުސަތެއް ނުއޮންނާނެ ކަމަށެވެ.

މި ވާހަކަތަކާއެކުވެސް ސޯޝަލް މީޑިއާ ޒީނަތްތެރިކުރަން ފެންބޮވައިގެންފައި ތިބި މީހުންނަށް މި ފެންގަނޑުގެ ނުރައްކަލެއް ފަހުމެއް ނުވިއެވެ. އާ ކައިވެނީގެ ފޮޓޯތައް ނަގާ މަންޒިލަކަށްވެސް މިތަންވެއްޖެއެވެ. މި ސަރަހައްދުގައި ނަގާފައިވާ ފޮޓޯޓަކަށް ހާއްސަކޮށްގެން އިންސްޓަގްރާމް އެކައުންޓެއްވެސް މިހަރުވަނީ ހުޅުވާފައެވެ.