ގައުމީ އާމްދަނީގައި ހިއްސާނުވާ ބަޔަކު އާބާދީގައި ތިބުމަކީ އިގްތިސޯދަށް ލޮޅުންއަރާނެ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި، ވިހާ މަރުވާ ނިސްބަތް އަޅައިކިޔުމުން ފެންނަނީ، 2054 ވަނަ އަހަރާ ހަމައަށް ދާއިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވާ މަންޒަރު ކަމަށެވެ.

އަދި އާބާދީގެ 14 އިންސައްތައަކީ، ދޮށީ އުމުރުގެ މީހުންނަށް ވެގެންދާ އިރު، މިހާރު ރާއްޖޭގައި އޮތް، މަސައްކަތްކުރާ އުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަގާފަތް އަށަގަންނުވަން، މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުގެ ޒުވާން ޖީލު، ދޮށީ އުމުރަށް ފޯރާއިރު، ހަށިހެޔޮ ދުޅަހެޔޮ އަދި ފުދުންތެރި ދިރިއުޅުމެއް ލިބޭނީ އޭރުން ކަމަށެވެ. އަދި ހަމައެފަދައިން، ދޮށީ އުމުރުގެ މީހުންގެ އިޖްތިމާއީ ރައްކާތެރިކަމަށާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް، ދައުލަތުން އުފުލަންޖެހޭ ބުރަ ކުޑަކުރެވޭނީ، އެ މަގަށް ސިޔާސަތުތައް ބަދަލުކޮށް ތަންފީޒުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިހާރުގެ އާބާދީގެ 36 އިންސައްތައަކީ ޒުވާނުން ކަމަށެވެ. އަދި މަސައްކަތްކުރާ އުމުރުފުރާގެ މީހުންގެ ނިސްބަތަކީ އާބާދީގެ 67 އިންސައްތަ ކަމަށާ، އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު، 2054 ވަނަ އަހަރާ ހަމައަށް ދާއިރު ވެސް މަސައްކަތު އާބާދީގެ އިންސައްތަ ބެހިފައި އޮންނާނީ އެ ގޮތުގައި ކަމަށް، އަންދާޒާތަކުން ދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއިން އެނގެނީ، މިހާ މަތީ މިންވަރުގެ އުފެއްދުންތެރި އާބާދީއަކާއެކު، ގައުމު ތަރައްގީ ކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ކަމަށާއި، އެއީ އިތުރު 35 ވަރަކަށް އަހަރުގެ މުއްދަތެއް، ރާއްޖެއަށް ތަނަވަސްވެފައި އޮތުން ކަމަށެވެ.

"ނަމަވެސް ހިތާމައަކީ، އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް، މައިންބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް، ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިޔުން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމާ އަންހެން ދަރިވަރުންނަށްވުރެ، ފިރިހެން ދަރިވަރުންގެ އަދަދު، 2010 ވަނަ އަހަރުން ފެށިގެން ދަނީ މަދުވަމުން ކަމަށެވެ. އަދި އަހަރުން އަހަރަށް، އެ ފަރަގު ބޮޑުވަމުން ދިޔުމަކީ، ގައުމީ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެއް ކަމަށެވެ.

"ގައުމުގެ އާބާދީގައި، މަސައްކަތްކުރާ އުމުރުގެ މީހުން ގިނަވުމަކީ، އޮޓަމެޓިކުން ގައުމު ތަރައްގީވާ ސަބަބެއް ނޫން ކަމަށާއި، އުފެއްދުންތެރިކަން އިތުރުވެ ގައުމު ތަރައްގީވަނީ، މަސައްކަތްކުރާ އުމުރުގެ ވީހާވެސް ގިނަ ބަޔަކު އަމަލީ މައިދާނަށް ނުކުމެގެން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އަދި ހާލަތާ އެކަށޭނަގޮތަށް ސިޔާސަތުތައް ބަދަލުކޮށް، އަމިއްލަ މަސައްކަތާއިގެން ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށްދެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ކަންކަން ހައްލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ، ރަސްމީ ތައުލީމީ ނިޒާމާއި މަތީ ތައުލީމާ އެކުއެކީގައި، މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ސިޔާސަތު ހަރުދަނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ނޫންގޮތަކަށް، އާބާދީއާ ފައިހަމަވާ މިންވަރަށް އިގްތިސާދު ކުރިއެއްނޭރުވޭނެކަމަށް ރައީސް ވިދާޅުވިއެވެ.