އިމާރާތްކުރުމުގައި ސަލާމަތީ މިންގަނޑުތައް ގެންގުޅުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާއިން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާލޭގައި މިފަހަކަށް އައިސް އިމާރާތްތަކުން އެކި ކަހަލަ ތަކެތި ވެއްޓި، ހިތާމަވެރި ހާދިސާތައް ދިމާވުން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާތަކުގެ ސަބަބުން އާންމު ރައްޔިތުންނާއި މަސައްކަތު މީހުންގެ ފުރާނައަށް ނުރައްކާ ވަމުން ދާކަމީ އެ މިނިސްޓްރީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި އިމާރާތް ކުރަމުންދާ ތަންތަނުގެ ސަލާމަތީ ކަންތައްތައް ހުރީ އެކަށީގެންވާ މިންވަރަށްތޯ ޔަގީން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން، އިމާތާރް ކުރުމުގެ މަސައްކަތް ކުރާއިރު، މަސައްކަތް ކުރާ ފަރާތްތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަށް މަސައްކަތްތައް ރާވާ ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައްކާތެރިކޮށް މަސައްކަތް ކުރުމަށްޓަކައިި އަމަލުކުރަންޖެހޭ ކަންތައްތައް މަސައްކަތު މީހުންނަށް އަންގައި ތަމްރީނު ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތުގައި ގެންގުޅެން ޖެހޭތަކެތި ބޭނުން ކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ގުދަން ކުރުމުގައި، މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާންމުންގެ ސަލާމަތީ ކަންކަމާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުގައި ސޭފްޓީ ސުޕަވައިޒަރެއް ހުންނަން ވާނެއެވެ. އަދި ސައިޓު ސޭފްޓީ ހޭންޑްބުކް އެއްވެސް އޮންނަން ޖެހޭނެއެވެ.

މީގެ އިތުރުން، ބޭނުންކުރަމުންދާ އިމާރާތްތަކުގައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް ފުރިހަމަވެފައި ނެތުމުން ދިމާވާ ހިތާމަވެރި ހާދިސާތައްވެސް ގިނަވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި އެފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އިމާރާތްތަކުގެ ވެރި ފަރާތްތަކުން އިމާރާތުގައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައްހުރީ ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އާންމު ރައްޔިތުން ވެސް މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ސަމާލުވުމަށް ޕްލޭނިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. އެ މިނިސްޓްރީން ބުނީ، އުސްކޮށް އިމާރާތް ކޮށްފައި ހުންނަ ތަންތަނަށް ދިިއުޅުން ބަދަލުވާއިރު، އެ އިމާރާތްތަކަކީ މާލެ ސިޓީ ކައުންސިލުން ދިރިއުޅުމުގެ ހުއްދަ ދޫކޮށްފައިވާ އިމާރާތެއްތޯ ކަށަވަރުކޮށް، އެފަދަ ތަންތަނުގައި ހުންނަންޖެހޭ ރެއިލިން ފަދަ ސަލާމަތީ ކަންތައްތައް ފުރިިހަމަކޮށްފައިވޭތޯ ބެލުން ވަރަށް މުހިންމު ކަމަށެވެ. އަދި އިމާރާތްތަކުގެ ވެރި ފަރާތުން އިމާރާތް ބޭނުންކޮށް، ކުށްޔަށްދޫކުރަން ވާނީ މާލެ ސިޓީ ކައިންސިލުން ދޫކުރާ، އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އިމާރާތްތަކުގައި ހުންނަންޖެހޭ ސަލާމަތީ ކަންތައްތައް ފުރިހަމަވެފައި ނެތުމުން ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އެ މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެފަދަ ސައިޓުތަކަށް ޒިޔާރަތްކޮށް، އެތަނުގައި ސަލާމަތީ ކަންތައްތައް ހުންނަ ގޮތުގެ އިންސްޕެކްޝަން ހަދައި، ގޯސްކޮށް ހުންނަ ކަންކަން ރަނގަޅުކުރުމަށް އަންގާ، ފިޔަވަޅު އަޅަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ސަލާމަތީ ގޮތުން ރައްކާތެރި ނޫން ހާލަތެއްގައި އެއްވެސް އިމާރާތެއްގެ ބައެއް ނުވަތަ ތަނެއް ހުރިކަން އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން ޕްލޭނިން މިނިސްޓްރީ އަށް އެންގުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.