"ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު" ގެ ނަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަވާ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދީފިއެވެ.

ޖަލްސާ ބޭއްވުމުގެ ހުއްދަ ދެމުން ޕްލޭނިން މިނިސްޓްރީން މިއަދު އުމަރަށް ފޮނުވި ސީޓީގައި، އެ ހަރަކާތް ކުރިއަށް ގެންދާ ވަގުތު އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް ހަމަލެއް ނުހިންގުމަށާއި ހަމަނުޖެހުމެއްގައި ލިބޭ ގެއްލުމުގެ ޒިންމާ އުމަރު ނަންގަވަން ވާނެ ކަމަށް ބުނެފައިވެއެވެ. އަދި ހަރަކާތް ނިމުމުން، ކާނިވާ ސަރަހއްދު ސާފުކޮށްފައި ބޭއްވުމަށް ވެސް ޕްލޭނިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

"ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު" ގެ ނަމުގައި އުމަރު ބޭއްވެވުމަށް އުޅުއްވާ ޖަލްސާއަކީ، ނޮވެމްބަރު 3ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އެމްބަސީގައި ހުރިކަން ފަޅާއަރުމާ ގުޅިގެން ސަކުރާރަށް ޕްރެޝާ ބޮޑުވެ ލުތުފީ އަނބުރާ ޖަލަށް ގެނައުމަށް ސަރުކާރަށް މަޖުބޫރުވި މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާން ހަމަޖެއްސެވި ޖަލްސާއެކެވެ.

ކުރިން މި ޖަލްސާ ބޭއްވެވުމަށް އުމަރު ތައްޔާރުވަމުން ގެންދެވީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. ނަމަވެސް، ކާނިވާ ސަރަހައްދުގައި މި ހަފްތާގައި މަގުމަތީ ބާޒާރެއް އޮންނާތީ މި ޖަލްސާ ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއަށް ފަސް ކޮށްފައެވެ.

2010 ވަނަ އަހަރު ބޭސްފަރުވާއަށް ލުތުފީ ރާއްޖެއިން ބޭރަށް ގޮސް، 9 އަހަރު ވަންދެން ފިލާ އުޅުމަށްފަހު، މިދިޔަ މޭ މަހު އެއް ވަނަ ދުވަހު އޭނާ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ އަމިއްލައަށް ހަވާލުވެފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އުމަރާއި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީއަށް ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.