މިއަދު ލިފްޓް ގޮޅިން ވެއްޓުނު އުމުރުން ދުވަސްވީ މީހާ މަރުވެއްޖެއެވެ.

އައިޖީއެމްއެޗުން ބުނީ މިއަދު މެންދުރު 1:30 ހާއިރު، އެ ހޮސްޕިޓަލުގެ އެމެޖެންސީ ރެސްޕޮންސް (އީއާރް) ގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށެވެ.

މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ އަންހެނަކު ވެއްޓުނީ ރޭ ދަންވަރު 1:33 ހާއިރެވެ. މި ހާދިސާގައި އަނިޔާވީ އުމުރުން 76 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދީފައިވާއިރު، މި އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއި އެކު ފުލުހުން އެގެއަށް ގޮސް، ވައި ގޮޅިއަށް ވެއްޓުނު އަންހެން މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ބޮލުގެ ފުުއްކިބަ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އޭނާގެ ކަނާތުފައި ފަލަ މަސްގަނޑާ ހަމައިން ބިންދައިގެން ގޮސްފާވާއިރު، އޭނާގެ ވައިތުފައިގެ ކުޑަ ހުޅުންވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކަށް ބަލާއިރު، އިއްޔެ ހަވީރު 5:25 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި ބަގީޗާ ހިގުމުގައި ޖާ އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑުން ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ގޯނިތަކެއް އަޅަފައި ހުރި ޖަމްބޯ ބޭގެއް މީހެއްގެ ބޮލަށް ވެއްޓި 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު ވެސް ވަނީ މަރުވެފައެވެ.