ރައީސް އޮފީހުގެ ކުރީގެ މިނިސްޓާ އޮފް ލީގަލް އެފެއާޒް އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ދައުވާއާ ގުޅޭ ލިޔުންތައް ހަވާލުކޮށް، ޝަރީއަތަށް ތައްޔާރު ވެއްޖެއެވެ.

މި މައްސަލާގެ ޝަރީއަތް ހިންގަން މިއަދު ހެނދުނަށް ތާވަލު ކޮށްފައި ވާއިރު، މިއަދު ހެނދުނު އާޒިމާއަށް ލިޔުންތައް ހަވާލު ކޮށްފައިވާ ކަމަށާއި، އޭނާގެ ފަރާތުން ކޯޓަށް ވަޑައިގެންނެވީ ބޭބެ، އަލީ އާމިރު ކަމަށް މައުލޫމާތު ލިބެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން ޝަރީއަތުގެ އަޑުއެހުންތައް ފެށޭނީ ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަވާލުކުރުމަށް ފަހުއެވެ.ދެން އޮންނާނީ ދައުވާގެ އިބްތިދާއީ އަޑުއެހުންތަކެވެ. މީގެ ކުރިން ވެސް އާޒިމާއަށް ލިޔުންތައް ހަވާލު ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު ޗިޓް ހަވާލު ނުކުރެވިގެން އެކަން ނުވެ އޮތީ، އޭނާ ރާއްޖެއިން ބޭރުގައި އުޅުއްވާތީއެވެެ. ނަމަވެސް އާޒިމާ ވަނީ މިހާރު ރާއްޖެ ވަޑައިގެންފައެވެ.

އާޒިމާގެ މައްޗަށް ދައުވާ ކުރަނީ ރައީސް ޔާމީން ހިންގެވި ކަމަށް ތުހުމަތު ކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވެ، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.