މިޔަންމާގައި ހިންގަމުން ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް އަށް އެތެރެވެގެން އުޅޭ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީންނަށް މުއްދަތެއް ނެތް ގޮތަށް ހިދުމަތް ދެމުން ދިއުމުގެ ގާބިލުކަމެއް ބަންގްލަދޭޝްއަށް ލިބިފައި ނުވާކަމަށް އދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން ވިދާޅުވެއްޖެއެވެ.
ބަން ވިދާޅުވީ ރޯހިންޏާ ރެފިއުޖީންނަށް ހިދުމަތް ކުރުމުގައި ދެމި އޮތް ބަންގްލަދޭޝް މިހާރު އޮތީ "ވަރުބަލި" ވެފައި ކަމަށެވެ.
މިޔަންމާގެ އާބާދީއާއި އަޅާ ބަލާއިރު ބައި މަދު މީސްކޮޅެއްގެ ގޮތުގައި އޮތް ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރުގެ އޯގަސްޓް މަހު ހިންގި ލާއިންސާނީ ޖަރީމާތަކަކީ، އދއިން ސިފަކުރާ ގޮތުގައި "ޤަތުލުއާންމެއްގެ ނިޔަތުގައި" ހިންގި ޖަރީމާތަކެކެވެ. މި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް 900000 މީހުންވަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް އެތެރެވެފައެވެ.
ރޯހިންޏާ ރެފިއުޖީން ބަންގްލަދޭޝްގައި ދިރިއުޅެމުންދަނީ ކޮކްސް ބާޒާރު ސަރަހައްދުގައި ޖަހާފައިވާ ޖިފުޓިތަކެއްގައެވެ. ބަން ވަނީ މި ސަރަހައްދަށް ޒިޔާރަތްކުރައްވާ، ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީންގެ ހާލު ބައްލަވާލައްވާފައެވެ.
ބަންގްލަދޭޝްގައި ތިބި ރޯހިންޏާ ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމުގެ އެއްބަސްވުން އެކުލަވާލާފައި ވީ ނަމަވެސް، އެކަން ތަންފީޒުކުރުމަށް މިޔަންމާގެ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކެއް އަޅަމުން ނުދާކަން ބަން ވަނީ ފާހަގަކުރައްވާފައެވެ.
ކަންމިހެން އޮތްއިރު، ދިގު މުއްދަތަކަށް ރެފިއުޖީންނަށް ހިދުމަތް ކުރުމުގެ ގާބިލުކަން ބަންގްލަދޭޝްގެ ކިބާގައި ނެތްކަންވެސް ބަން ވަނީ ފާހަގަކުރައްވާފައެވެ.
"ފޯސް މައިގްރޭޝަން އޮފް ރޯހިންޏާ: ދި އަންޓޯލްޑް އެކްސްޕީރިއަންސް"ގެ ނަމުގައި އެކުލަވާލަފައިވާ ރިޕޯޓް ބުނާ ގޮތުގައި 2017 ވަނަ އަހަރުގެ ޖަރީމާތަކުގައި މިޔަންމާ ސަރުކާރުން ވަނީ ރޯހިންޏާ ދަރިކޮޅުގެ 34000 މީހަކު ދިރިހުއްޓާ އަލިފާނަށްލާ އަންދާލާފައެވެ. 114000 މީހެއްގެ ގައިގައި ތަޅާ އަނިޔާކޮށްފައިވާއިރު، މިޔަންމާގެ ފުލުހުންނާއި ސިފައިން ހިންގި ރޭޕްގެ އަމަލުތަކުގެ ޝިކާރައަކަށްވީ އަންހެން ކުދިންނާ ބޮޑެތި އަންހެނުންގެ އަދަދުގެ 18000 އަށް އަރައެވެ.
ބަންގްލަދޭޝްއިންވެސް ވަނީ ރޯހިންޏާ ދަރިކޮޅުގެ އިތުރު ރެފިއުޖީންތަކަކަށް އެގައުމުން ފުރުސަތު ދެވެން ނެތްކަން އދއަށް އަންގާފައެވެ.