އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރަކާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމާފައިވަނީ ޕަބްލިކް ސާވިސް މީޑިއާގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމު އަބްދުއްލަތީފުގެ ދަރަނީގެ މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓަށް ގެންދިޔަ މައްސަލައާއި 1 ފެބްރުއަރީގެ އަމުރުގެ ވަކި ބައެއް ބާތިލް ކުރި މައްސަލަކަން ހާމަވެއްޖެއެވެ.
ޖޭއެސްސީން ބަލާ އެއް މައްސަލަ ކަމަށްވާ ފެބުރުއަރީ 1 ގައި ނެރުނު އަމުރުގެ ބޮޑު ބައެއް ބާތިލުކޮށް އެހެން އަމުރެއް ނެރުނު މައްސަލައާ ގުޅިގެން ބަލަނީ ދެ ފަހަރު ދެ ގޮތަށް އަމުރު ނެރުމުން، އެ ފަނޑިޔާރުންގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ މައްސަލައެވެ.
އެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު އަމުރު ނެރުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ހައްޔަރު ކުރެވުނެވެ. އަދި އޭގެ ފަހުން އެ އަމުރުގެ ބައެއް ބާތިލު ކުރީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފުގެ ސޮއާއެކުއެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ އަނެއް މައްސަލަ އަކީ އިކްރާމުގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައެއްގެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ހުރިހާ ލިޔެކިޔުމެއް ސުޕްރީމް ކޯޓުން 2015 ވަނަ އަހަރުގެ ތެރޭގައި ނެގި މައްސަލައެވެ.
ސުޕްރީމް ކޯޓުން އެއިރު ބުނެފައިވަނީ އިކްރާމުގެ މައްސަލާގެ ލިޔުންތައް ނެގީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އިކްރާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލައިގެ އެއްވެސް ކަމެއް ކުރިއަށް ގެންގޮސްފައި ނުވެއެވެ.
އިކްރާމަކީ ނިމިގެންދިޔަ ސަރުކާރުގެ ވެރިކަން ކުރި ޕީޕީއެމުން ބޭއްވި ޖަލްސާތައް ހުށަހެޅުއްވުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޅުގައި ސަޕޯޓުކުރައްވައި ސަނާކިއުއްވަމުން ގެންދެވި ބޭފުޅެކެވެ.
މި ދެ މައްސަލަ ތަހުގީގު ކުރުމަށް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ޖޭއެސްސީން ވަނީ އެކުލަވާލާފައެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛
- ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ
- ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް
- ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅު
- ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން
- ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދު
- ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް އަދި
- ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތެވެ.
އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާ މިދިޔަ މަހު އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލާގައި ތަހުގީގު ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވާން 30 ދުވަހުގެ މުއްދަތެއް މިދިޔަ ހޯމަ ދުވަހު ވަނީ އޭނާއަށް ދީފައެވެ.