މޯލްޑިވްސް ޕޮލިސް ސާވިސްގެ ކުރީގެ އިސްވެރިންނާއި ކުރީގެ ހޯމް މިނިސްޓަރުން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިގޮތަށް ބުނެފައިވަމީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް އަބްދުﷲ ލުތުފީއާ ގުޅޭގޮތުން ސުވާލުކުރެވުނު ދުވަހު ދެއްކެވި ވާހަކަތަކަކީ ފުލުހުން ދިން ދޮގު މައުލޫމާތުގެ ސަބަބުން ދެއްކެވި ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނުމާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައެވެ.
ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލުމާއި ގުޅިގެން، ފާއިތުވެދިޔަ މުއްދަތުގައި ފުލުހުންގެ އިސްމަގާމުތަކާއި ހޯމް މިނިސްޓަރުކަން ކުރެއްވި ފަރާތްތަކުން ލުތުފީ ހޯއްދަވާ ހައްޔަރުކޮށްގެން އަނބުރާ ގެނައުމަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތްތަކުގެ ތަފްސީލު ރެކޯޑްތަކާއި އެމަސައްކަތާ ގުޅޭގޮތުން ނިންމި ނިންމުންތައް އެ މަސައްކަތް ހިނގަމުންދިޔަ ޑިޕާޓްމަންޓުގައި ލޮގް ކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ނިންމި ބައެއް ނިންމުންތައް ނިންމި އިރު ހާޒިރުވެތިބި އޮފިސަރުން މިވަގުތު ވެސް ޕޮލިހުގައި ހިދުމަތް ކުރަމުންދާތީ އެމަސައްކަތާއި ގުޅޭގޮތުން އިތުބާރު ހިފޭފަދަ މައުލޫމާތު މިވަގުތު ވެސް އެ އިދާރާގައި އެބަހުރި ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ދޮގު ހެއްދެވިކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ލުތުފީގެ މައްސަލައިގައި އިމްރާން ދެއްކެވި ވާހަކަތަކަކީ އެ މައްސަލައިގައި ފުލުހުންނަށް ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފުލުހުން ދީފައިވާ މައުލޫމާތު ކަމަށެވެ.
ލުތުފީގެ ހައްޔަރުކޮށްގެން އަނބުރާ ރާއްޖެ ގެނައުމާއެކު އެ މަސައްކަތުގެ ކުރެޑިޓް ބައެއް ފަރާތްތަކުން ދަނީ ނަގަމުންނެވެ. އެގޮތުން ލުތުފީ ގެންނަން އެންމެ ގިނަ މަސައްކަތް ކުރެއްވީ ކުރީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް، އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ކުރީގެ ސީޕީން ވެސް ވަނީ ސަރުކާރަށާއި، މިހާރުގެ ހޯމް މިނިސްޓަރު އިމްރާނަށް ވެސް ފާޑުވިދާޅުވެ އިމްރާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.