ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ދެން މައްސަލަ ބަލަމުން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ގުޅޭގޮތުން ހުށަހެޅިފައިވާ ދެ މައްސަލަކަމަށެވެ.
ޖޭއެސްސީން ބުނީ އެ މައްސަލަ ބެލުމަށް އެކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ޖޭއެސްސީން ވަނީ އެކުލަވާލާފައެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛
- ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ
- ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް
- ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅު
- ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން
- ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދު
- ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް އަދި
- ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތެވެ.
އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލާ މިދިޔަ މަހު އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލާގައި ތަހުގީގު ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވާން 30 ދުވަހުގެ މުއްދަތެއް މިދިޔަ ހޯމަ ދުވަހު ވަނީ އޭނާއަށް ދީފައެވެ.