ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަޙައްދަށް ގަވާއިދާ ހިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގެންފިއެވެ.
މި މަސްބޯޓުތައް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވ. ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓުތައް ފެނިފައި ވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި މިމަހުގެ 8 ން 10 އަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ ޑޯނިއާ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިންނެވެ.
ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މި ހަތަރު މަސް ބޯޓް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަޙައްދަށް ގަވާއިދާ ހިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް އެމްއެންޑީއެފުން އަތުލައިގެންފައިވާއިރު، މިދިޔަ މާޗް މަހު ވެސް އެމްއެންޑީއެފުން ވަނީ ހއ ކެލާގެ އިރު އުތުރުން ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ 4 މަސްބޯޓެއް އަތުލައިގެންފައެވެ.
ކޯސްޓްގާޑުން ބުނީ ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލުން މަސްވެރިކަން ކުރަން އުޅެނިކޮށް ފުރަތަމަ ފެނުނީ ދެބޯޓު ކަމަށެވެ. އަދި ކޯސްޓްގާޑުގައި އޮންނަ އެންމެ ބޮޑު ބޯޓް "ހުރަވީ" އިން އެ ދެބޯޓު ހިފަހައްޓާ ހދ ކުޅުދުއްފުށްޓަށް ގެނައުމަށް މިސްރާބު ޖަހާފައި ވަނިކޮށް އަނެއްކާ އިތުރު 2 ބޯޓު ފެނިގެން އަތުލި ކަމަށެވެ. މި މަސްބޯޓު ތަކުން ހައްޔަރު ކުރި 21 މީހުން ލަންކާ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހާއާ ރާއްޖޭގެ ސަރުކާރުގެ އިސް ފަރާތްތާކައި ކުރެވުނު މަޝްވަރާތަކަށް ފަހު ވަނީ ލަންކާއަށް އަނބުރާ ފޮނުވާލާފައެވެ.
ރާއްޖެއަކީ ކަނޑުގެ މަސްވެރިކަމަށް މަގުބޫލު މަންޒިލެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ކަމާ ވަސީލަތްތަކުގެ މަދުކަމުން ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި ނަމަވެސް ހޯދައިގަތުމަކީ ކުރިން އޮތް ގޮންޖެހުމެކެވެ. ނަމަވެސް ކޯސްޓްގާޑުން ވަނީ ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުން ގެންދާ ކަމަށް ބުނެފައެވެ.