ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން އާދީއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ހަސަން ސައީދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ ދެ މައްސަލައިގެ، ހުޅުވާލެވިފައިވާ ތަހުގީގުގެ އަޑުއެހުން އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރު 1:45 ގައި ޕޯސްޓް ބިލްޑިންގެ ހަވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ ގާޒީ ހަސަން ސައީދުގެ ތަހުގީގު ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައި ވަނީ އޭނާ އެގޮތަށް އެދިވަޑައިގެންފައި ވާތީއެވެ.

ޖޭއެސްސީއަށް ހުށަހެޅުނު ހަސަން ސައީދުގެ ސުލޫކީ ދެ މައްސަލަ ބަލާ ނިމެންދެން އޭނާ ސަސްޕެންޑު ކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ޖޭއެސްސީ ނިންމިއެވެ.