ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، 7 އަށް ބަދަލު ކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މި ބިލް ބަލައިގަންނަން ފާސްކުރީ 72 މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، މިއަދު މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވީ 76 މެންބަރުންނެވެ. މި 76 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 72 މެންބަރުން ވެސް ވަނީ މި ބިލް ބަލައިގަންނަން ވޯޓު ދެއްވާފައެވެ. މި ބިލް ބަލައިގަތުމަށް ބޭނުންވަނީ 37 ވޯޓެވެ. މި ބަލައިގަތުމަށްފަހު، މަޖިލީހުން ވަނީ މި ބިލް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމް ހުށަހަޅުއްވާފައި ވަނީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ކަނޑައެޅި ގޮތަށް ރުޖޫއަކޮށް، ހަތް ފަނޑިޔާރުންނަށް ބަދަލުކުރުމަށެވެ. 2014 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފައެވެ. މި އިސްލާހަށް ފަހު މަގާމުން ވަކި ކުރީ، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އަދި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މި އިސްލާހުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލުމަށް ޓަކައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައި ވަނިކޮށް، 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް ބެންޗު ފަހަކަށް ބަދަލުކޮށްފައި ވަނީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ކަމަށެވެ. އަދި މި އިސްލާހަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް މި ބިލްގައި ބުނެފައިވެއެވެ.