ރާއްޖޭގެ ރަށެއްގައި ކުޑަކުއްޖަކު ވިއްކާލި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި ކަމަށް އެ އިދާރާއިން ބުނެފިއެވެ. ފުލުހުން ބުނީ މައްސަލައިގެ ބާވަތުން އިތުރު މައުލޫމާތު މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
"ދަޕްރެސް' އަށް އެނގިފައިވާ ގޮތުގައި މިކަން ހިނގީ ދެކުނުގެ އަތޮޅެއްގައެވެ. އެ ކުއްޖާ ވިއްކާލި އަގު ސާފު ނުވިޔަސް އެ ކުއްޖާ ދިނުމުން ބަދަލެއްގެ ގޮތުގައި ފައިސާގެ މުއާމަލާތެއް ހިންގާފައި ވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ބުނެފައި ވާ ގޮތުގައި އެ ކުއްޖާ 30 ހާސް ރުފިޔާއަށް ވިއްކާލީއެވެ. އަދި އެކަން ކުރި މީހުން އެ ކުއްޖާ ވިއްކާލީ ދަރިން ނުލިބޭ ދެމަފިރިއަކަށް ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.
"ދަޕްރެސް" އިން ޖެންޑާ މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީން ބުނީ އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ.
ރާއްޖޭގައި ކުޑަކުއްޖަކު ވިއްކާލިކަން އެއްވެސް ރެކޯޑަކުން ފާހަގަވާން ނެތަސް ދަރިން ނުލިބޭ ދެމަފިރިންނަށް ބަލަން ހަވާލު ކުރާ ގޮތަށް ކުދިން ދީފައި ހުރިކަން ފާހަގަ ކުރެވެއެވެ.