އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 6 ލޭނަކަށް ބަހާފައި އޮންނަ ޔަމުނާ އެކްސްޕްރޭވޭއިން ދަތުރުކުރަމުންދިޔަ ބަހެއް ފުރޮޅާލައިގެން ވެއްޓި، 29 މީހުން މަރުވެއްޖެއެވެ.

މިހާދިސާގައި އަނިޔާ ލިބި، ޒަހަމްވީ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގާފައިވަނީ ޔަމުނާ އެކްސްޕްރޭވޭއިން ދަތުރުކުރަމުންދިޔަ ބަސް ފުރޮޅާލައިގެން، 50 ފޫޓު ތިރިއަށް ވެއްޓިގެންނެވެ. މި ބަސް ވެއްޓިފައިވަނީ ފެން ހިނދާ ވަޅުގަނޑަކަށްކަމަށް މައުލޫމާތު ލިބެއެވެ.

165 ކިލޯމީޓްރުގެ އެކްސްޕްރެސްވޭއަކީ އާގްރާއާއި ނޮއިޑާ ގުޅާލަދޭ މައި މަގެކެވެ.

މިއަދު ހެނދުނު ހިނގި ހާދިސާގައި ފުރޮޅާލާފައިވަނީ ލަކްނޯއިން ދިއްލީއަށް، 46 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބަހެއް ކަމަށް އިންޑިއާ ފުލުހުން ވަނީ ހާމަކޮށްފައެވެ.

އާގްރާއާއި ދާދި ކައިރިން މިހާދިސާ ހިނގާފައިވަނީ ބަސް ދުއްވަން އިން މީހާއަށް ނިދިޖެހިގެންކަމަށް ރިޕޯޓްތައް ބުނެއެވެ.