ދުނިޔެ ދުށް އެންމެ ތޫނިފިލި މީހުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ އެލްބަޓް އައިންސްޓައިންއާއި ސްޓީވަން ހޯކިންގްއަށް ވުރެ ތޫނިފިލިކަމުގެ ރެކޯޑް، އިންގްލަންޑްގެ އަނުޝްކާ ދިކްޝީތު ހޯދައިފިއެވެ.

އަނުޝްކާގެ ތޫނުފިލިކަން ހުރި މިންވަރު ބެލުމަށް ހެދި ޓެސްޓުތަކުންވެސް މިކަން ވަނީ ސާބިތުވެފައެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މަޝްހޫރު ސައިންސްވެރިޔާ ސްޓީވަން ހޯކިންގްއަށްވުރެ 2 ޕޮއިންޓް އިތުރަށް އަނޫޝްކާ ހޯދާފައިވާކަމެވެ. މިއާއެކު އަނުޝްކާ މިވަނީ ދުނިޔެ ދުށް އެންމެ ތޫނުފިލި މީހުންގެ ލިސްޓުގެ 1 ވަނަ ދަރަޖާގައި ގިންތިކުރެވިފައެވެ.

އަނުޝްކާ މިހާރުވަނީ، އިނގިރޭސިވިލާތުގައި ސާނަވީ ތައުލީމު ފުރިހަމަ ކުރުމަށްފަހު ހަދާ މުހިންމު އިމްތިހާނުތަކުންވެސް ފާސް ހޯދާފައެވެ.

އަނުޝްކާގެ މަންމަ ކިޔާދޭ ގޮތުގައި އޭނާގެ ދަރިފުޅަކީ ވަރަށް ތުއްތު އިރުއްސުރެ ފެށިގެންވެސް ތޫނުފިލި ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން އަނުޝްކާ އޭނާގެ ހަނދާނުގެ ބައި ވަރުގަދަ ކުރަމުން ދިޔައީ ޓީވީ އިޝްތިހާރުތަކުން އިވި/ފެންނަ ބަސްތައް ހިތު ދަސްކޮށްގެންކަމަށް އޭނާގެ މަންމަ ކިޔާދިނެވެ.

އަނުޝްކާގެ މަންމަ ބުނާ ގޮތުގައި އެ ދަރިފުޅު ވަނީ، އުމުރުން އެންމެ 6 މަހުގައި ވާހަކަ ދައްކަންވެސް ފަށާފައެވެ.

ސްކޫލްގައި ކިޔަވަދޭ ހުރިހާ މާއްދައަކީވެސް އެންމެ ގަޔާވާ މާއްދާތައް ކަމަށް ބުނާ އަނުޝްކާގެ ހިތުން ހާއްސަ ޖާގައެއް ދެވިފައިވަނީ އިނގިރޭސި ބަހަށާ، ޅެންވެރިކަމަށެވެ. އަނުޝްކާ ބުނާ ގޮތުގައި، ބޮޑުވެގެން އޭނާ އެންމެ ވާން ބޭނުންވަނީ ޑޮކްޓަރަކަށެވެ. އެ ހުވަފެނުގައި ހަގީގީ ކުލަނުޖެހިއްޖެނަމަ އޭނާ ދެން ފެންނާނީ މާލީ ދާއިރާއިންކަމަށް އަނުޝްކާ ބުނެއެވެ.