އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ފިލައިގެން އުޅުމަށް އެހީވެދިން 2 މީހަކަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ޝައިމް ގެއެއްގައި ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން، ހައްޔަރު ކުރި ދެމީހަކަށް ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ. އެގޮތުން ހައްޔަރު ކުރި 46 އަހަރުގެ އަންހެން މީހާގެ މުއްދަތަށް ހަ ދުވަސް ދީފައި ވާއިރު 23 އަހަރުގެ ފިރިހެން މީހާގެ މުއްދަތަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޝައިމް ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ހޯދާތާ 13 ވަނައަށް ވީ ދުވަހު ފުލުހުން ވަނީ، އޭނާ ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހު މާލޭ ގެއަކަށް ގަދަބާރުން ވަދެ، ފުލުހުންގެ ބެލުމުގެ ދަށަށް ޝައިމް ގެންގޮސްފައިވާ ކަމަށެވެ.

ޝައިމް އަކީ 2009 ވަނަ އަހަރުން ފެށިގެން ޖެންޑާ މިނިސްޓްރީ އަށް އޭނާގެ އެކި މައްސަލަތައް ހުށަހެޅެމުންދާ ކުއްޖެކެވެ. އެގޮތުން، ދެފަހަރެއްގެ މަތިން ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ޝައިމް ގެންގުޅެފައި ވާއިރު، ހުސްވި މަހުގެ ތިން ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއަށް ގެންދިޔައީ އޭނާ ކުށުގެ ވެހީގައި އުޅެމުން ދަނިކޮށެވެ. ނަމަވެސް، ޝައިމްގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު އޭނާ ކުޑަކުދިންގެ ހިޔާއިން ފިލައިގެން ދިއުމާއި ގުޅިގެން އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުމާއި ގުޅިގެންނެވެ.