މީހަކު ހައްޔަރު ކުރަން ގޮސް ފުލުހުން އެމީހާއަށް އަނިޔާ ކުރާ ވީޑިއޯއެއް އާންމު ވެއްޖެއެވެ. ވީޑިއޯ އިން ފެންނަނީ ގެއެއްގެ ތެރޭގައި މީހަކު ހައްޔަރު ކުރުމަށް ކުލަ ހެދުމުގައި ތިބި ފުލުހުން ތަކެއް މަސައްކަތް ކުރާ އިރު އެމީހާއަށް އަނިޔާ ތަނެވެ. ފުލުހުންގެ ތެރެއިން އެކަކު އެމީހާގެ އަތުގައި ގާބުރިއަކުންވެސް ތަޅައެވެ.

މިކަމާ ގުޅިގެން ކޮމިޝަނަރު ވިދާޅުވެފައި ވަނީ އެ ވީޑިއޯގައި ހަރަކަތްތެރިވާ ފުލުހުން ސަސްޕެންޑް ކުރައްވާނެ ކަމަށެވެ.

"ކޯޓު އަމުރަކާއެކު މާފަންނުގެ ގެއެއް ބަލާ ފާސް ކުރުމުގައި ކުލަ ހެދުމުގައި ހަރަކާތްތެރިވި ފުލުހުން ތަކެއް މީހަކަށް އަނިޔާ ކުރާ ވީޑިއޯ ބަލައިފިން، މިކަން ބަލައެއް ނުގަނެވޭ، އެންމެން ސަސްޕެންޑް ކުރާނަން" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. އަދި އިތުރު ޓްވީޓެއްގައި ހަމީދު ވަނީ އެމައްސަލަ ތަހުގީގު ކޮށް ދެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިވަޑައިގެންފި ކަމަށްވެސް ވިދާޅުވެފައެވެ.

"އެ ކަމުގައި އުޅުނު ފުލުހުންގެ ނަންތައް ކޮމިޝަނަށް ދީފިން. ފުލުހުންގެ ތެރޭގައި އޮތް އަނިޔާ ކުރުމުގެ ސަގާފަތް ނެތި ދާން ޖެހޭ" ހަމީދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައި ގޮތުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރަމުން ގެންދިޔައީ މ. އުޖާލާ ގެއެވެ. ފުލުހުން އެގެ ބަލާ ފާސް ކުރުމުގައި ހަރަކާތްތެރިވަމުން މީހަކަށް އަނިޔާ ކުރާ ވީޑިއޯ ނަގާފައި ވަނީ އެތާ ކައިރި ގެއެއްގައި ތިބި ބަޔަކު ކަމަށް ބެލެވެއެވެ. އަދި އެވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާ ދޭތެރޭ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ފުލުހުން ބުނީ އެ ގެއަށް ފުލުހުން ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.

ފުލުހުންނާ ގުޅިގެން ދޭތެރެ ދޭތެރެއިން މިބާވަތުގެ ކަންކަން ފެންމަތިވެއެވެ. އަދި މާލެ ތެރޭގައި ހިންގާ ގިނަ ކުށްތަކާ ފުުލުހުންނާ ގުޅުވައިގެންވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކައެވެ.