އަންހެނުންގެ އަޑުއިއްވައި، އަންހެނުންނާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމަށް އަންހެނުންގެ ބައިވެރިވުން ހޯދެން އޮތީ ރާއްޖެއަށް ކޯޓާގެ ނިޒާމު ތައާރަފު ކުރެވިގެން ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ

މިނިސްޓަރު ޝިދާތާ މިހެން ވަދާޅުވީ، އިންޓަނޭޝަނަލް ސެންޓާ ފޯ ޕާލިމެންޓަރީ ސްޓަޑީސް (އައިސީޕީއެސް) އިން ބާއްވާ އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯޒިއަމްގެ 18 ވަނަ ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު، މަޖިލިސް އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައެޅުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

މަޖިލިސް އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައެޅުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައި ވާއިރު، އޭނާ ވަނީ އެއީ އެ ކޮމިޝަނުން ނިންމަން ޖެހޭ ނިންމުމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް، މަޖިލިސް އިންތިހާބުގައި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމާ މެދު އެ ކޮމިޝަންގެ މަޝްވަރާތަކުގައި އަބަދުވެސް ވަކާލާތު ކުރައްވާ ކަމަށާއި، އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާ ކަނޑައެޅުމަކީ ސިޔާސީ ގޮތުން ނިންމަން ޖެހޭ ނިންމުމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމާ ބެހޭ ގޮތުން ވާހަކަ ދެކެވިފައި ވާއިރު، މިދިޔަ އޭޕްރިލް މަހު އަލަށް އިންތިހާބުވެ ވަޑައިގެންނެވި 19 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ. އެގޮތުން، 19 ވަނަ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނީ އަންހެން މެންބަރެކެވެ.