ޗައިނާގެ ޝިންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ މުސްލިމު ކުޑަކުދިން، އެ ކުދިންގެ އާއިލާތަކާ ވަކިކޮށް، ދީނާ ބަހުރުވައިންވެސް ދުރުކުރަމުގެ އަމަލު، ޗައިނާ ސަރުކާރުން ހިންގަމުންދާކަމަށް ފަހުގެ އާ ހޯދުންތަކުން ހާމަވެއްޖެއެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުން އަޅާފައިވާ ކޭމްޕުތަކުގައި އެތައް ހާސް ބޮޑެތި މީހުންނެއް އެބަތިބި ކަމަށާ، ބޯޑިންގް ސްކޫލްތަކެއް އެޅުމުގެ ދުވެލިވެސް މެކުހަށް ޖަހާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އާންމުކޮށް ލިބެން ހުރި ބައެއް ތަފާސް ހިސާބުތަކަށް ބިނާކޮށް ހޯދާފައިވާ ހޯދުންތައް ދައްކާ ގޮތުގައި، ޗައިނާގެ އަވަށެއްގައި ދިރިއުޅެމުންދާ 400 އަށް ވުރެ ގިނަ ކުދިންނަކީ މަންމައާއި ބައްޕަ، ސަރުކާރުން "ގެއްލުވާލާފަ" ވާ ކުދިންނެވެ. އެ ކުދިންގެ މައިންބަފައިން ވީ ސަރުކާރުން އަޅާފައިވާ ކޭމްޕުތަކާ، ޖަލުތަކުގައި ގައިދުކޮށްފައެވެ.

ޝީންޖިއާންގެ ބޮޑެތި މީހުންގެ އައިޑެންޓިޓީ ބަދަލުކުރުމަށް ޗައިނާ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު، އާއިލީ ވަންހަކޮޅާ ކުޑަކުދިންވެސް ވަކިކުރަމުންދާ ކަމީ މިއަދު ހާމަވާން އޮތް ހަގީގަތެކެވެ. ނަމަވެސް މި ޚަބަރުތައް ބައިނަލްއަގުވާމީ މިޑީއާއަށް އެކަށީގެންވާ މިންވަރެއްގައި ތިލަވެދާނެ ކަމުގެ ބިރަށްޓަކައި، ޗައިނާއިންދަނީ އެގައުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފަހަތުން 24 ގަޑިއިރު "މުގޯލިއަޅަމުން" ކަމަށް ބައިނަލްއަގުވާމީ ޚަބަރުފަތުރާ އިދާރާތަކުން ބުނެއެވެ.

ޗައިނާ ސަރުކާރުން މުސްލިމުންނަށް ކުރާ އަނިޔާގެ ވާހަކަތައް ބައިނަލްއަގުވާމީ މީޑިއާއަށް ތިލަވަނީ، ޗައިނާގެ ކޭމްޕުތަކުން ކޮންމެވެސް ގޮތަކުން ފިލައިގެން، ތުރުކީވިލާތަށް އެތެރެވާ މީހުން މެދުވެރިކޮށެވެ. މިގޮތަށް އަންނަ ގިނަ މީހުންނަކަށް އެމީހުންގެ ދަރިން ވީ ތަނެއް ނޭނގެއެވެ. ދުނިޔޭގައި ދިރިހުރިކަން، ނުވަތަ ނޫންކަންވެސް ނޭނގޭއިރު، އެކުދިންގެ މައިންބަފައިން ދިރިދުނިޔޭގައި ހުރިކަން ޚުދު އެކުދިންނަކަށްވެސް ނޭނގެއެވެ. މިހުރިހާ އެންމެނަކީވެސް ވީގޫރު ދަރިކޮޅުގެ މުސްލިމުންނެވެ.

ޗައިނާގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންތަކެއް/ފޮޓޯ: ގެޓީއިމޭޖަޒް

ޗައިނާ ސަރުކާރުން ބުނަމުންދަނީ ވީގޫރު ދަރިކޮޅަށް ހާއްސަކޮށްގެން އެގައުމުން ހިންގަނީ ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒުތަކެއް ކަމަށެވެ. އެއީ ދީނީ ފިކުރުގައި ހައްދުފަހަނައަޅާ ދިއުން ކޮންޓްރޯލް ކުރުމަށްކަމަށްވެސް ޗައިނާގެ ސަރުކާރުން ވަކާލާތުކުރެއެވެ. ނަމަވެސް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ގިނަ މީހުންނަކީ އިސްލާމީ ފަރުޟުތަކާ ރުކުންތައް އަދާކޮށްގެން ހައްޔަރުކޮށްފައިވާ މީހުން ކަމަށް ހެކި ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން ބުރުގާ އެޅުމާ، ތުނބުޅި ބެހެއްޓުމުގެ އިތުރުން، ނަމާދުކޮށް ރޯދަ ހިފާ މީހުންވެސް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދާ މައްސަލައަކީ އާންމުވެފައިވާ މައްސަލައެކެވެ.

ކުޑަކުދިންނަށްވެސް ސަލާމަތެއް ނެތެވެ. އެކުދިން ކިޔަވަން ދާންޖެހެނީ ސަރުކާރުން ކަނޑައަޅާފައިވާ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރާ ސްކޫލްތަކަށެވެ. މި ތަންތަނުގައި 24 ގަޑިއިރު ސާވޭލަންސް އޮވެއެވެ. ޗައިނާ ސަރުކާރުގެ ފިކުރަށް، ހިންގާ ސްކޫލްތަކުގައި ކުދިން "ބަންދުކުރެވިފައިވަނީ" 10000 ވޯލްޓުގެ ކަރަންޓު ދޫކޮށްފައިވާ ނަރުދާތަކެއްގެ ފަހަތުގައެވެ.