ޗައިނާ އާއި ގުޅުން ހުރި "ދާހިލީ ކަމެއް"ގެ ތެރެއަށް އިނގިރޭސިވިލާތުން ވަންނަން ނުޖެހޭ ކަމަށް ބުނެ، ޗައިނާއިން އިނގިރޭސިވިލާތަށް އިންޒާރުގެ ވަރުގަދަ މެސެޖެއް ދީފިއެވެ.

ޗައިނާއިން އިނގިރޭސިވިލާތާ ދެކޮޅަށް އިންޒާރެއް ނެރެފައި މިވަނީ، ހޮންގްކޮންގްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސިވިލާތުން ދެއްކި ވާހަކަތަކަކާ ގުޅިގެން ޗައިނާއާއި އިނގިރޭސިވިލާތާ ދެމެދު ޑިޕްލޮމެޓިކް ފެންވަރެއްގައި ހަމަނުޖެހުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިއު ޝިއާއޮމިންގް ވިދާޅުވީ، އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓްގެ ވާހަކަފުޅު ހުރި ގޮތުން ދެގައުމުގެ ޑިޕލޮމެޓިކް ގުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި އިނގިރޭސިވިލާތުގެ އެހެން ފަރާތްތަކުން، ހޮންގްކޮންގްގެ މުޒާހަރާގެ ބައިވެރިންނަށް އެއްބާރުލުން ދެމުންދިއުމުގެ ސަބަބުންވެސް ގުޅުމަށް ބޮޑެތި ބުރޫތަކެއް އަރާފައިވާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ނުފޫޒާ ދެކޮޅަށް ހޮންގްކޮންގްގައި ކުރަމުންދާ ބޮޑު މުޒާހަރާގެ ބައިވެރިންތަކެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޗޭމްބަރަށް ވަދެ، މުދަލާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެ އަމަލު ހިންގި ފަރާތްތަކަކީ ގާނޫނު މުގުރާލި މީހުންގެ ގޮތުގައި ސަރިޔަތް ހިންގެންޖެހޭނެ ބައެއް ކަމަށް ޝިއާއޮމިންގް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ސަފީރު ވަނީ އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރާއަށް ހާޒިރުވެސް ކުރެވިފައެވެ.

ކުށްވެރިން ޗައިނާއަށް ގެންގޮސްގެން އަދަބު ދެވޭ ފަދަ ގޮތަކަށް އެކްސްޓްރަޑައިޝަން ބިލަށް ގެންނަ އިސްލާހުތަކާ ދެކޮޅަށް ފެށި މުޒާހަރާތައް ވަރުގަދަވެ، ގާނޫނު ހަދާ މަޖިލީހުގެ ޗޭމްބަރަށް ވަތް މުޒާހަރާގެ ބައިވެރިންވަނީ، ޗައިނާގެ ދަށުގައި ހޮންގްކޮންގްއިން ބޭނުންކުރަމުންދާ ނިޝާނަށް ސްޕްރޭ ޖެހުމަށްފަހު، އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އެސަރަހައްދު އޮތް ދުވަސްވަރު ބޭނުންކުރި ދިދަ، މަޖިލީސް ތެރޭގައި ނަގާފައެވެ.

ހޮންގްކޮންގްއަކީ ދާދި ފަހަކާ ޖެހެންދެން އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ސަރަހައްދަކަށްވާއިރު، އިނގިރޭސިވިލާތުންވަނީ މުޒާހަރާގެ ބައިވެރިންނަށް އިނގިރޭސިންގެ ތާއީދު އޮތްކަން ހާމަކޮށްފައެވެ.

"އެއް ގައުމެއް، ދެ ނިޒާމެއް"ގެ ގޮތުގައި ޗައިނާއާއި ހޮންގްކޮންގް ހަވާލުކުރެވުނީ 1997 ވަނަ އަހަރުއެވެ.