ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރު މޯދީގެ ދަތުރުފުޅުގެ ތެރެއިިން ސޮއިކުރެއްވި ސިއްހީ ކަންތައްތަކާ ބެހޭ އެމްއޯޔޫއަށް އެގައުމުގެ ކެބިނެޓުން ރުހުންދީފިއެވެ.

މި އެމްއޯޔޫގެ ދަށުން ޑޮކްޓަރުން ބަދަލުކުރުމާއި، ދެގައުމުން ޑޮކްޓަރުންނާއި އޮފިޝަލުންނާއި ސިއްހީ މާހިރުން ތަމްރީނުކުރުމާއި، ސިއްހަތާއި ގުޅުންހުރި ހޯދުންތައް ހޯދުމާއި، ބޭހާއި ބެހޭ ކަންކަމުގައި އެހީތެރިވުމާއި، ގައިންހގަޔަށް އާރާ ބަލިތަކާއި ގައިން ގަޔަށް ނާރާ ބަލިތަކާއި ގުޅޭ މައުލޫމާތާއި، އީ-ހެލްތް އަދި ޓެލެމެޑިސިންގެ އިތުރުން، އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަ ނަމަ، އެކަންކަމާ މެދު ވާހަކަދައްކާ މަޝްވަރާ ކުރުން ހިމެނެއެވެ.

މޯދީގެ ދަތުރުފުޅުގެ ތެރެއިން ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރެއިން ހދ. ކުޅުދުއްފުށި-ކޮޗިން ފެރީ ނިޒާމުގެ މަަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް އިންޑިއާގެ ކެބިނެޓުން ވަނީ ރުހުން ދީފައެވެ. މީގެ އިތުރުން ވެސް އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާގެ އެހީ ހޯދުން ފަދަ ކަންކަން ހިމެނެއެވެ.