ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދާ ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައިވާ ޝަކުވާ ނުބަލަން ނިންމާފައި ވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. ކޮމިޝަނުން ބުނެފައިވަނީ ހުޒެއިފާގެ މައްސަލަ ނުބަލަން ނިންމީ މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަންމުންދާ އެ ކޯޓުގެ އެހެން ގާޒީއެއްގެ މައްސަލައަކާ ގުޅިގެން ހުށަހެޅުނު އެ ޝަކުވާގައި އެއްވެސް އަސާސެއްނެތް ކަމަށް ތަހުގީގު ކުރާ ކޮމިޓީން ބުނެފައި ވާތީކަމަށެވެ.

އަދި ހުޒެއިފާއާ ދެކޮޅަށް ޝަކުވާ ހުށަހެޅި ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށްވާތީ، އެ މައްސަލަ ހިނގާފައިވާ ގޮތުން ގާޒީ ހުޒެއިފާގެ މައްސަލައެއް އޮތްކަމަށް މެންބަރުންނަށް ނުފެންނަކަމަށް ނިންމާފައިވާކަމަށް ވެސް އެ ޖޭއެސްސީން ބުނެއެވެ.

ވެރިކަން ބަދަލުވެ، ޖޭއެސްސީއަށް އާ މެންބަރުން އައްޔަން ކުރެވުނު ފަހުން، އެ ކޮމިޝަނުން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އަދި ބައެއް މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާ އިރު، އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ސިވިލް ކޯޓުގެ އިސް ފަނޑިޔާރު ހިމެނެއެވެ.