ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލު ކުރުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހުން ބަލައިގެންފިއެވެ.

މި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

މި ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ ޖުމްލަ 68 މެންބަރުންގެ ތާއީދާއެކުއެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް އަދި، އެއްވެސް ގޮތަކަށް ނުފެންނަ ކަމަށްވެސް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. މި ބިލު ފާސް ކުރުމަށް ބޭނުންވާ ޖުމްލަ އަދަދަކީ 34 ވޯޓެވެ.

އެ އިސްލާހުގައި ވަނީ ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ނަމުގައި އިދާރާއެއް އުފެއްދުމަށާއި އެ އިދާރާއަށް ފުރިހަމަ މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ބަދަލުކުރުމަށެވެ. އަދި އެ އިސްލާހުގައި ވާގޮތުން، އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ ހިސާބުން މިހާރުގެ ޑީޖޭއޭ އުވިގެން ދާނެއެވެ.

މީގެ އިތުރުން އިސްލާހުގައި ވާގޮތުން އިސްލާހު ފާސްވެއްޖެ ނަމަ ޖޭއެސްސީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނަވާނީ ޗީފް އޮފް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެވެ. މި އިސްލާހުގައި ވާގޮތުން ޗީފް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކަށް އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއް ނުހިންގެވޭނެ އެވެ. އަދި ޗީފް އޮފް ޑީޖޭއޭ އަކީ 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމުގައިވެސް އިސްލާހުގައި ވެއެވެ.

ޑީޖޭއޭ އަކީ މިހާތަނަށް ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓުމަންޓެކެވެ.